ޚަބަރު

އެމްޓީސީސީން ހުޅުމާލެ ފޭސް ދޭކަށް ހާއްސަ 15 ބަސް ގެނެސްފި، އަންނަ މަހު ދަތުރުތައް ފަަށަނީ

އަލީ ޔާމިން

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދިނުމަށް ހާއްސަކޮށް އެމްޓީސީސީން 15 ބަސް ރާއްޖެ ގެނެސްފިއެވެ.

މިއީ ދެ ބުރިއަށް ހަދާފައި ހުންނަ 80 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

މި ބަސްތައް ރާއްޖެ ގެނެސް، މާލޭ ވިޔަފާރި ބަނދަރުން ކުލިއާކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، އަލަށް ގެނައި ބަސްތައް ބޭނުންކޮށްގެން އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ދަތުރުތައް ފަށާނެ ކަމަށެވެ. އެއާއެކު ދެވަނަ ފިޔަވައްސަށް ކޮންމެ ދިހަ މިނެޓަކާއި 15 މިނެޓަކުން ދަތުރުތައް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު ފޭސް ދޭކުން ބަސްދަތުރު އޮންނަނީ ގަޑިއަކު އެއްފަހަރުއެވެ.

"އަޅުގަނޑުމެން މިހާރު މި އަންނަނީ ފުރިހަމަ ބަހުގެ ހިދުމަތެއް ދިނުމަށް ޑްރައިވަރުން ތަމްރީން ކުރަމުން. އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ފުރަތަމަކޮޅު ދަތުރުތައް ފެށޭނެ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އާ ބަސްތައް އޮޕަރޭޝަނަށް ގެނެވުމާއެކު މިހާރު ބޭނުންކުރަމުން އަންނަ ބަސްތައް މެއިންޓަނެންސް ކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އަންނަ ޖުލައި މަހުގެ ތެރޭގައި އައްޑޫގައިވެސް ބަހުގެ ހިދުމަތް ފެށޭނެ ކަމަށެވެ. އަދި މިއަަހަރުގެ ތެރޭގައި ފުވައްމުލަކު ސިޓީއާއި ލ. ގަމުގައިވެސް ބަހުގެ ހިދުމަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.