ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މާޗު މަހު ޑެންޑީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 26 މީހެކެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ 92 އަށް އިތުރުވެފައެވެ.

އޭޕްރީލް މަހު ފަހު ހަފުތާގައި އެކަނިވެސް ޑެންގީގެ 32 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓްކުރި އަދަދު މިދިޔަ މާޗު މަހަށް ވުރެ މިދިޔަ މަހު ވަނީ މަދުވެފައެވެ. އެގޮތުން މާޗު މަހު 14،399 ކޭސް ރިޕޯޓްކޮށްފައިވާއިރު މިދިޔަ މަހު ރިޕޯޓްކޮށްފައިވަނީ 12978 ކޭސްއެވެ.

މިއަހަރުގެ މިހާތަނަށް ހަަތަރު މީހަކަށް އިންފްލުއެންޒާ ޖެހިފައިވެއެވެ.

ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 1575 މީހަކަށް ބޭރަށްހިންގުން ޖެހިފައިވެއެވެ.