ޚަބަރު

ސިރިސޭނާގެ ފަރާތުން ބޮޑުވަޒީރުކަމަށް ތިން ނަމެއް ހުށަހަޅުއްވައިފި

އަލީ ޔާމިން

ސްރީލަންކާގެ ކުރީގެ ރައީސް އަދި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ލީޑަރު މައިތިރިޕާލަ ސިރިސޭނާގެ ފަރާތުން ލަންކާގެ ބޮޑުވަޒީރުކަމަށް ތިން ބޭފުޅެއްގެ ނަން އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާއަށް ހުށަހަޅުއްވައިފިއެވެ.

ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސިރިސޭނާ ވަނީ 11 ޕާޓީއަކާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މިނިވަން ގްރޫޕެއް އެކުވެގެން އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރަން ބޭނުންވާ ތިން ނަމެއް ރައީސް ރާޖަޕަކްސާއަށް ފޮނުވައިފައެވެ. އެ ނަންތަކަކީ ނިމާލް ސިރިޕާލާ ޑި ސިލްވާ، ވިޖެދާސަ ރާޖަޕަކްސާ އަދި ދުލާސް އަލަހަޕެރޫމާގެ ނަން ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ވިޖެދާސާއަކީ ކޮލަމްބޯ ޑިސްޓްރިކް ތަމްސީލް ކުރާ މަޖިލިސް މެންބަރެކެވެ. އޭނާއަކީ އެގައުމުގެ ހަޔާ އެޑިއުކޭޝަން އަދި ކަލްޗަރަލް އެފެއާޒް މިނިސްޓަރުވެސް މެއެވެ. ނިމާލް އަކީ ސްރީލަންކާ ފްރީޑަމް ޕާޓީގެ މެންބަރެކެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނިމާލް ތަމްސީލް ކުރައްވަނީ ބަދުއްލާ ޑިސްޓިކްޓެވެ. ދުލާސްއަކީ އަކީ ސްރީލަންކާ ޕޮޑުޖަނާ ޕެރެމުނާ (އެސްއެލްޕީޕީ)ގެ މެންބަރެކެވެ. ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އޭނާ ތަމްސީލްކުރަނީ މަޓަރާއެވެ.

ސްރީލަންކާއަށް ކުރިމަތިވެފަައިވާ އިގްތިސޯދީ ކާރިސާއާ ގުޅިގެން ހިނގި ހަމަނުޖެހުންތަކާއެކު ބޮޑުވަޒީރުކަމުގައި ހުންނެވި ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ލަންކާއަށް އައު ބޮޑުވަޒީރަކު އައްޔަނުކޮށް ކެބިނެޓް އެކުލަވައިލައްވާނެކަމަށް ވިދާޅުވެފައެވެ.

ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްފަރުވާ ލިބުން ދަތިވުމުގެ ސަބަބުން ލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންގޮސް، ހަމަނުޖެހުންތައް ހިންގަމުންދާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި މުދައްރިސުންނާއި ދަރިވަރުންނާއި ސިއްހީ ހިދުމަތްތެރިން މުޒާހަރާއާ ގުޅުމުން ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ ބޮޑެތި އެއްވުންތައް ވަނީ ވަރަށް ވަރުގަދަވެފައެވެ.