މިދިޔަ ފިތުރު އީދު ދުވަހުން ފެށިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާލޭގައި ހިންގި، ސިލްސިލާ މާރާމާރީތަކުގެ މައްސަލައާ ގުޅިގެން ހޯދުމަށް ފުލުހުން ފޮޓޯ އާއްމުކުރި ހަތް މީހުންގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފޮޓޯ އާއްމުކުރި މީހުންގެ ތެރެއިން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ، ތ. ތިމަރަފުށީ ސީނުގެ އަހުމަދު ޝިމްހާޒު އާއި މ. ލޮނުމިދިލިގެ ލޫތު އަހުމަދު އާސިފެވެ.
މާރާމާރީތަކާ ގުޅިގެން ފުލުހުން ފޮޓޯ އާއްމުކުރި މީހުންގެ ތެރެއިން އެންމެ ފަހުން ހައްޔަރުކުރީ، އަހްމަދު ނާޒިހު (27އ)، ކެނެރީގެ، ގއ. ގެމަނަފުއްޓެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ. ނަމަވެސް 15 ދުވަހަށް ބަންދުކުރީ، އޭނާ އާއި ވަކީލަށް ބައްދަލުނުވެވޭތީ، ދެ ފަރާތުން ބައްދަލުކުރުމަށް ފަހު ބަންދާމެދު ގޮތެއް ނިންމަން އެދިފައިވާތީ އެވެ.
ނާޒިހު ބަންދުކުރި ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތެއް ވުޖޫދުވާ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ތޫނު އެއްޗަކުން ބަޔަކަށް ހަމަލާދީ ޒަހަމްކޮށްލުމުގައި އޭނާ ބައިވެރިވެފައިވާކަން، ހެކިންގެ ބަޔާނުންނާއި ސީސީޓީވީ ފުޓެޖުތަކުގެ ސްނެޕްޝޮޓްތަކުން އެނގޭ ކަމަށެވެ.
- ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދުދީދީ (27އ)
- ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު (24އ)
- ސ. ހުޅުދޫ/ ނާދީ، މުނާދު ޖައުފަރު (20އ)
- ސ. މަރަދޫ/ ކޮރަލް، އަހުމަދު ސާތިއު (21އ)
ފިތުރު އީދު ދުވަހު ހިންގި ދެ މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީއަކީ މާފަންނު ކޯރުކެނޑިމަގު، މާވެޔޮމިސްކިތް ކައިރީގައި ފަތިހު ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި ޒަހަމްކޮށްލައިފައިވަނީ 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ދެވަނަ މާރާމާރީ ހިންގާފައިވަނީ ހެންވޭރު އަސްރަފީ މަގުގައި އެދުވަހުގެ ހެނދުނެވެ. އެ މާރާމާރީގައިވެސް ދެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.
ފުލުހުން މީގެ ކުރިން ބުނީ، އަސްރަފީ މަގުގައި ހިންގި މާރާމާރީ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކަކީ ގދ. ވާދޫ އުނިމާގެ ހަސަން ޒިޔާއު އިބްރާހިމް، 18އ އެވެ. އޭނާ ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު