Close
ލުއި ޚަބަރު

ދުނިޔޭގެ އެންމެ ދިގު އަންހެނާއަށް އިތުރު ތިން ރިކޯޑެއް!

ދުނިޔޭގައި ހުރި އިސްކޮޅުން އެންމެ ދިގު އަންހެނާކަމުގައިވާ ތުރުކީގެ ރުމޭސާ ގެލްގީއަށް ދުނިޔޭގެ އެހެން ތިން ރިކޯޑެއްވެސް ރަސްމީގޮތުން ލިބިއްޖެއެވެ.

އުމުރުން 25 އަހަރުވީ ގިލްގީގެ އިސްކޮޅަކީ 7 ފޫޓް 0.7 އިންޗިއެވެ. ދުނިޔޭގެ އެންމެ ދިގު އިސްކޮޅެއް ލިބިފައިވާ އަންހެނާއަށް ވުމުގެ ރިކޯޑް އޭނާއަށް ލިބިފައިވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. އޭނާއަށް އަލަށް ލިބުނު ރިކޯޑުތަކަކީ އެންމެ ދިގު އިނގިއްޔެއް ލިބިފައިވާ އަންހެނާކަމަށް ވުމުގެ ރިކޯޑާއި އެންމެ ބޮޑު ދެއަތްތިލަ ލިބިގެންވާ އަންހެނާކަމަށް ވުމުގެ ރިކޯޑާއި އެންމެ ދިގު ބުރަކަށްޓެއް ލިބިގެންވާ އަންހެނާ ކަމަށް ވުމުގެ ރިކޯޑެވެ. އައު ތިން ރިކޯޑު އޭނާއަށް ލިބުނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

ރުމޭސާ ގިލްގީއަށް 4.40 އިންޗީގެ ދިގު އިނގިއްޔެއް ލިބިގެންވެއެވެ. އޭނާގެ ދިގު އިސްކޮޅާއި ބޮޑުކަމުގެ އަސްލަކީ ވިހޭއިރުވެސް ކުރިމަތިވެފައިވާ ބައްޔެކެވެ. އެހެންވެ ކުޑައިރުން ފެށިގެންވެސް އެއް އުމުރުގެ ކުދީންނަށްވުރެ އޭނާ ހުންނަނީ މާބިޔަކޮށެވެ. މިކަމުގެ ސަބަބުން މަދަރުސާޔާއި ކޮލެޖުގައިވެސް އޭނާއަށް މަލާމާތާއި ފުރައްސާރަ އަމާޒުވެފައިވެއެވެ.

ރުމޭސާ ގިލްގީއަކީ ގާނޫނީ ވަކީލެކެވެ. ދިރާސާކުރާ މީހެކެވެ. އަދި އައިޓީ ފަންނާނެކެވެ. ދިގު އިސްކޮޅުގެ ސަބަބުން އޭނާއަށް މާ ގިނައިރު ހިނގައެއް ނޫޅެވެއެވެ. އެހެންވީމާ ގިނަގިނައިން ފުރޮޅުލީ ގޮނޑީގެ ބޭނުން ހިފަންޖެހެއެވެ. އެއްޗެއްގައި ލެނގިލައިގެން ނޫންގޮތަކަށް މާގިނައިރު ކޮޅަކަށްވެސް ނުހުރެވެއެވެ. ރުމޭސާ އަދި ކައިވެންޏެއް ނުކުރެއެވެ. ލޯބިވެރިޔަކުވެސް ނުހުރެއެވެ. އޭނާގެ ބައްޕަޔަކީ ޑޮކްޓަރެކެވެ. މަންމަޔަކީ ލެބޯޓްރީ ޓެކްނީޝަނެކެވެ.