ވޯލްޑް ކަޕް

ވޯލްޑްކަޕްގެ ތާރީޚު: ވޯލްޑްކަޕްގެ ޖާރޒީއެއްވެސް 9 މިލިޔަން ޑޮލަރަށް ވިކިދާނެއެވެ.

އިމާދު ލަތީފު

ވޯލްޑްކަޕްގެ ތާރީޚީ މެޗެއްގައި ސުޕަރ ސްޓާރަކު ބޭނުންކުރި ޖާރޒީގެ އަގު ކިހާ މައްޗަކަށް އުފުލިދާނޭ ބާވައެވެ. ޖާރޒީގެ އަގު އެރުމާއި ނޭރުމުގައި ވަރަށް ގިނަ ސަބަބުތައް ހުންނާނެއެވެ. ކުޅުންތެރިޔާގެ މަޝްހޫރު ކަމެވެ. މެޗުގެ މުހިންމު ކަމެވެ. މެޗުގައި އޭނާ އަދާކުރި ދައުރުގެ މުހިންމު ކަމެވެ. ކުޅުނު ދެ ޓީމުގެ ވާދަވެރިކަމާއި މަޝްހޫރު ކަމެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެއް އިތުރު ކުރެވިދާނެއެވެ. މިހުރިހާ ކަމަކަށް ބަލާފައި އެފަދަ ޖާރޒީއެއް އެތައް މިލިޔަން ޑޮލަރަކަށް ވިއްކިދާނެއެވެ. މީގެ 36 އަހަރު ކުރިން 1986 ގެ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރި ތާރީޚީ މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ ބޭނުންކުރި ޖާރޒީ، އިނގިރޭސިވިލާތުގެ ނީލަމެއްގައި 8.79 މިލިޔަން އެމެރިކާ ޑޮލަރަށް މިމަހު ވަނީ ވިކިފައެވެ.

މިއީ ދުނިޔޭގެ ތާރީޚުގައިވެސް ކުޅިވަރު ތަރިއެއްގެ ހަނދާނާ ގުޅުންހުރި އެއްޗެއް މިހާ ބޮޑު އަގުގައި ވިކުނު ފުރަތަމަ ފަހަރެވެ. މިއީ ދުނިޔޭގެ އައު ރިކޯޑެކެވެ. މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމްގައި 1986 ގެ ޖޫން 22 ގައި އިންގްލެންޑާ ދެކޮޅަށް ދެވަނަ ހާފުގައި މަރަޑޯނާ ބޭނުންކުރި ގަދަ ނޫކުލައިގެ 10 ނަމްބަރު ޖާރޒީއަކީ އާދައިގެ ޖާޒީއެއް ނޫނެވެ. އިންގްލެންޑް ކޮޅަށް އެ ޖާރޒީ ލައިގެން ހުރެ މަރަޑޯނާ ވަނީ ދެ ގޯލް ޖަހައި ޓީމު މޮޅުކޮށްދީފައެވެ. ފުރަތަމަ ލަނޑަކީ އިންގްލެންޑްގެ ގޯލްކީޕަރު ޕީޓަރ ޝިލްޓަނަށްވުރެ މައްޗަށް ފުންމައިގެން އަރައި އަތުން ޖަހައި ގޯލްތެރެއަށް ވައްދާލި ބޯޅައެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ހޭންޑް އޮފް ގޯޑޭ ބުނެވޭ މަޝްހޫރު ގޯލަކީ އެ ގޯލެވެ. މީހުން އަދިވެސް އެވާހަކަ ނުހުއްޓައެވެ.

ހަގީގަތުގައި އެއީ ސައްހަ ގޯލެއް ކަމަށް ހަދައިގެންވެސް ނުވާނެއެވެ. އެހެންނަމަވެސް ރެފްރީއަށް އެ މަންޒަރު ނުފެނުނީއެވެ. އެހެންވީމާ ސައްހަ ގޯލެއް ކަމަށް ނިންމީއެވެ. ރެފްރީއަކަށް ހުރީ ޓިއުނީޝިއާގެ އަލީ ބިން ނާސިރެވެ. އުމުރުން މިހާރު 78 އަހަރު ވެފައިވާ ބިން ނާސިރު އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. މަރަޑޯނާ މަރުވެއްޖެއެވެ. އެކަމަކު އޭނާ 2020 ވަނައަހަރު މަރުވުމުގެ ފަސް އަހަރު ކުރިން ދަތުރު ހަދައިގެން ޓިއުނީޝިޔާއަށް ގޮސް ބިން ނާސިރާއި ބައްދަލުކޮށް މަރަޑޯނާ ސޮއިކޮށްފައިވާ ޖާރޒީއެއް ވަނީ ދީފައެވެ. ހަދިޔާ ދީފައި މަރަޑޯނާ ބުންޏެވެ. ތިޔައީ މިދުނިޔޭގައި އެކަނި ރަހުމަތްތެރިއެއް ނޫނެވެ. ތިޔައީ ދެދުނިޔޭގެ ވެސް ރަހުމަތްތެރިއެކެވެ. މަރަޑޯނާ މަރުވީ އެހެން ބުނިތާ ފަސްއަހަރާއި ތިންމަހާއި ތިންދުވަސް ފަހުންނެވެ.

ކުރިން ދެންނެވި ތާރީޚީ މެޗުގެ ދެވަނަ ހާފުގައި މަރަޑޯނާ ޖެހި ފުރަތަމަ ގޯލަކީ ވޯލްޑްކަޕްގެ ތާރީޚުގައިވެސް އެންމެ މައްސަލަ ބޮޑުވި ގޯލަށްވާއިރު އެ ހާފުގައި އިންގްލެންޑް ކޮޅަށް އޭނާ ޖެހި ދެވަނަ ގޯލަކީ ވޯލްޑްކަޕްގެ ތާރީޚުގައިވެސް މިހާތަނަށް ފެނިފައިވާ އެންމެ ހިތްގައިމު އެންމެ މޮޅު ގޯލެވެ. އަމިއްލަ ހާފުގެ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކޮށްޓަމުން ނައްޓަމުންގޮސް އިދިކޮޅު އިންގްލެންޑުގެ ހައެއްކަ ކުޅުންތެރިން ކަޓުވާލައި ވައްދާލީ ގޯލްގެ ތެރެއަށެވެ. އެއީ އެ މުބާރާތުގެ ސެމީ ފައިނަލް އާޖެންޓީނާއަށް ކަށަވަރުވި ގޯލެވެ. މުބާރާތުން އިންގްލެންޑް ކެޓި ގޯލެވެ. މި މެޗު ކުޅުނީ ފޯކްލެންޑް މައްސަލައިގައި އާޖެންޓީނާ އާއި އިނގިރޭސިވިލާތް 1982 ވަނަ އަހަރު ކުރި ހަނގުރާމަ ނިމުނުތާ ތިން އަހަރާއި އެގާރަމަހާއި ބާވީސް ދުވަސް ފަހުންނެވެ. ބަދަލު ހިފުމުގެ ރޫހު އެންމެ މަތީ ދަރަޖައަށް އޮތެވެ.

މެޗު ނިމިގެން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ޖާރޒީ ބަދަލުކުރުމުގެ ރޫހެއްވެސް ނެތެވެ. އެއަށްވުރެ ރުޅިވެރިކަން އޮތީ ބޮޑުވެފައެވެ. މެޗު ނިމިގެން ޗޭންޖިން ރޫމަށް ވަންނަންދިޔަ މަގުމަތީގައި ޓަނަލްތެރެއިން މަރަޑޯނާ ޖާރޒީ ބާލާފައި ގަދަކަމުން ކަހަލަ ގޮތަކަށް އިންގްލެންޑުގެ މިޑްފީލްޑަރ ސްޓީވް ހޮޖަށް ދިނީއެވެ. ސްޓީވް ހޮޖް ކުޅުނީ 18 ނަމްބަރު ޖާރޒީގައެވެ. މިވާހަކަ މަރަޑޯނާގެ ބަޔޮގްރަފީގައި ހަމަ މިގޮތަށް މަރަޑޯނާ ވަނީ ބަޔާންކޮށްދީފައެވެ. މިހުރިހާ ދުވަހު ސްޓީވް ހޮޖް އޮތީ މިޖާޒީ ރައްކައުކޮށް ފޮރުވައިފައެވެ. އެންމެފަހުން ވިއްކާލަން އިއުލާން ކުރީމާ އެއީ ފޭކް ޖާޒީއެކޭ އަސްލު އެއްޗެއް ނޫނޭ ބުނެ މި ވިޔަފާރިއަށް ހުރަސްއަޅަން މަރަޑޯނާގެ ކުރީގެ އަންހެނުން ކުލައުޑިޔާ އާއި އޭނާގެ އަންހެން ދަރިފުޅު ޑަލްމާ މަސައްކަތް ކޮށްފައިވެއެވެ.

މަރަޑޯނާގެ އާއިލާއިން އެއީ ފޭކެކޭ، އެވާނީ މެޗުގެ ފުރަތަމަ ހާފުގައި މަރަޑޯނާ ބޭނުންކުރި ޖާރޒީއަށޭ ބުންޏަސް މަރަޑޯނާގެ ބަޔޮގްރަފީގައި އޭނާ ބަޔާންކޮށްފައިވާ ވާހަކަތަކާއި އަދި ރިޒޮލިއުޝަން ފޮޓޯމެޗިން ޓެކްނޮލޮޖީގެ އެހީގައި އެއީ އަސްލު ޖާޒީކަން ވަނީ ޔަގީން ކުރެވިފައެވެ. މީގެ 36 އަހަރު ކުރިން ގަދަކަމުން ކަހަލަ ގޮތަކަށް މަރަޑޯނާ ދިން ޖާރޒީ، މޫނު ކުނިކޮށްގެން ހުރެ ސްޓީވް ހޮޖް ގަބޫލުކުރި ކުރުމުން އޭނާ މިއަދު ބޮޑު މުއްސަންޖަކަށް ވެއްޖެއެވެ. އަމިއްލަ ބޭންކް އެކައުންޓަށް 9 މިލިޔަން ޑޮލަރާއި ކައިރި ކުރާ އަދަދެއްގެ ފައިސާ ވަދެއްޖެއެވެ. އެހެންވީމާ މިއަދު އެހެރީ ލައްކަ އުފަލުންނެވެ. ސްޓީވް ހޮޖް ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި ނޮޓިންހަމް ފޮރެސްޓާއި އެސްޓަންވިލާ އަދި ޓޮޓެންހަމާއި ލީޑްސް ޔުނައިޓެޑް ހިމެނެއެވެ.