ޚަބަރު

ފެހެންދޫ ފަޅުގައި އޮތް ބޯޓަކާއި ލޯންޗެއްގައި ރޯވެ އަޑިއަށް ހިނގައްޖެ

ރިފާ ހަލީލު

ބ. ފެހެންދޫ ފަޅުގައި އަޅާފައި އޮތް މުދާ އުފުލާ ބޯޓަކާއި ލޯންޗެއްގައި އަލިފާން ރޯވެ އަޑިޔަށް ހިނގައްޖެ އެވެ.

ފެހެންދޫ ކައުންސިލް ރައީސް ޖާދުﷲ އަލީ "ވަން" އަށް މިއަދު ވިދާޅުވީ، ބޯޓުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ރޭ ދަންވަރު 1:00 ޖެހި އިރު ލިބުނު ކަމަށެވެ. އަދި އެ ވަގުތު އެ ސަރަހައްދަށް ދިޔައިރު ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަލިފާން ކޮންޓްރޯލް ނުވެ ފެތުރެމުންދިޔަ ކަމަށެވެ.

ޖާދުﷲ ވިދާޅުވީ ބޯޓުގައި ރޯވި އަލިފާންގަނޑު ވައިގަދަވުމުގެ ސަބަބުން ކޮންޓްރޯލް ކުރުމަށް ދަތިވެ އެ ބޯޓު ކައިރީގައި އޮތް ލޯންޗެއްގައިވެސް ރޯވެފައިވާ ކަމަށެވެ. އަދި މިހާރު އެ ދެ އުޅަނދުވެސް އެއްކޮށް އަނދައި ހުލިވެ އަޑިއަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ނޭނގެ އެއްގޮތަކަށްވެސް އަދި ބުނާކަށް ރޯވީ ކީއްވެގެންކަން. ފުރަތަމަ ރޯވީ ބޯޓުގަކަން ޔަގީން. ދެން މި ދުވަސްވަރު ވަރަށް ވައިގަދަވީމަ އަލިފާން ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް ދަތިވި. އެހެންވެ ކައިރީގަ އޮތް ލޯންޗުގަވެސް ހުޅުހިފީ. އެ ލޯންޗުވެސް ބޯޓުވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެ ފަޅުތެރެއަށް މިހާރު އެއޮތީ އަޑިއަށް ގޮސްފަ." އޭނާ ވިދާޅުވި އެވެ.

ޖާދުﷲ ވިދާޅުވީ އަލިފާން ރޯވީ އެރަށުގައި ވިޔަފާރި ކުރަމުން ބައިކަން މޯލްޑިވްސްގެ ބޯޓެއްގައި ކަމަށާއި އެ ބޯޓުގައި އެ ވަގުތު މުދާ ހުރި ކަމެއް ޔަގީން ނުވާ ކަމަށެވެ. އަދި ބޯޓަށް ލިބުނު ގެއްލުމުގެ އަދަދު ވަޒަން ކުރަން މިވަގުތު ދަތި ކަމަށްވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި ހާދިސާ އަށް އެމްއެންޑީއެފުން އެޓެންޑުވެފައި ނުވާތީ މިކަމާ ގުޅޭ މާބޮޑު މައުލޫމާތެއް ނޭނގޭ ކަމަށެވެ.