ޚަބަރު

ފްލެޓު ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ހޯދަނީ، ސަމާލުވޭ!

މުހައްމަދު އިޝާން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑެތި އަދަތުތަކުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، އެގޮތަށް ގުޅައި، އެ މީހަކަށް މިހާރު ލިބިފައިވާ ޕޮއިންޓުގެ އަދަދު ބުނަމުންދާ ކަމަށާއި އަދި ފްލެޓު ޔަގީންކުރުމަށް ޕޮއިންޓު މަދުވާކަމާއި، އެހެންކަމުން އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށްބުނެ އީ-މެއިލް އެޑްރެސް ހޯދާ ކަމަށެވެ.

އީ-މެއިލް އެޑްރެސް ދިނުމުން އެ އީ-މެއިލަށް އެޗްޑީސީގެ ނަމުގައި ލިސްޓު ފޮނުވާކަމަށް ފުލުހުން ބުންޏެވެ. އެ ލިސްޓުގައި ޕޮއިންޓު ހިމެނުމަށް އީ-މެއިލައަށް ވަނުމަށް ބޭނުންވާކަމަށް ބުނެ އެކްސެސް ދިނުމަށް، ފޯނަށް ނުވަތަ އެހެން ޑިވައިސްއަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށްކަމަށް ބުނެ އީ-މެއިލަށް އެކްސެސް ހޯދާކަމަށް ވެސް ފުލުހުން ބުންޏެވެ.

"އެއަށްފަހު އެ އީ-މެއިލް މެދުވެރިކޮށް، އިންޓަނެޓު ބެންކިންއަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ އެ މީހުންގެ އެކައުންޓަށް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިއެވެ..،" ފުލުހުން ބުންޏެވެ.

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް، ޒާތީ މައުލޫމާތާއި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލައިގައި ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އޮޅުވާލައިގެން ހޯދާފައިވާ ފައިސާގެ ތަފްސީލު ވެސް ފުލުހުން ހާމަނުކުރެއެވެ.

އެޗްޑީސީން ވެސް ބުނެފައިވަނީ، އެ ކުންފުނިން ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާގެ މުއާމަލާތް ހިންގަން އުޅޭ ކަމުގެ ޝަކުވާތައް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އަދި، އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އެޗްޑީސީގެ ކޯލް ސެންޓަރު، 1516 އަށް ގުޅައކ އެކަމެއް ސާފުކުރުމަށް އެދޭކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.