ޓޭބަލް ޓެނިސް

ހިތްވަރުގަދަ ކުޅުމަކަށްފަހު ދީމާއަށް ކެޑޭޓް ސިންގަލްސްގެ ރިހި މެޑަލް، ޗެމްޕިއަންކަން ވަރުގަދަ އިންޑިއާއަށް

ރާއްޖޭގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ކެޑޭޓް ސިންގަލްސް އަންހެން ފައިނަލުގައި ރާއްޖޭގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބަލިކޮށް، އިންޑިއާގެ ޖެނިފާ ވަރްގޭސް ޗެމްޕިއަންކަން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އިންޑޯގައި ކުރިއަށްގެންދާ އެ މުބާރާތުގެ ސިންގަލްސް ފައިނަލު މެޗުތައް މިއަދު ކުޅުނު އިރު, އަންހެނުންގެ ކެޑޭޓް ސިންގަލްސް ފައިނަލުގައި ދީމާ އަތުން އިންޑިއާގެ ޖެނިފާ ކުރި ހޯދީ 3-2 ސެޓުންނެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު ރަނގަޅަށް ފަށައި، ފުރަތަމަ ހަތަރު ޕޮއިންޓު ވެސް ހޯދީ ދީމާއެވެ. ބޮޑު ފަރަގެއްގައި ދީމާ އޮތް ނަމަވެސް, ކައިރިކައިރީގައި ދީމާ އަތުން ޕޮއިންޓުތަކެއް ގެއްލުމުން ސެޓުގެ ފަހުކޮޅު އިންޑިއާގެ ޖެނިފާ އެއްވަރުކުރިއެވެ. ފުރަތަމަ ދެ ފަހަރު ދީމާ ސެޓު ޕޮއިންޓް ގެންދިޔަ ނަމަވެސް, ދީމާއަށް ކާމިޔާބީއާއެކު ނިންމައިލެވޭ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާގެ ޖެނިފާ ވަނީ ފަހަތުން އަރައި, 13-11 އިން ދީމާގެ މައްޗަށް ކުރި ހޯދުމަށްފަހު ފުރަތަމަ ސެޓު ގެންގޮސްފައެވެ.

ފުރަތަމަ ދެ ޕޮއިންޓް ހޯދައި ދެވަނަ ސެޓުގެ ފެށުން ޖެނިފާ ރަނގަޅު ކުރި ނަމަވެސް, ދީމާ ވަނީ ފަހަތުން އަރައި ކުރިއަށް ޖެހިލައިފައެވެ. ދެވަނަ ސެޓުގެ ލީޑު ފުޅާކުރަމުން ގޮސް, ދީމާ ވަނީ ފަސޭހަކަމާއެކު 4-11 އިން ދެވަނަ ސެޓު ހޯދައިފައެވެ.

ތިންވަނަ ސެޓު ދީމާ ވަރުގަދަކޮށް ފަށައި ލީޑު ހޯދި ނަމަވެސް, އިންޑިއާގެ ޖެނިފާ ވަނީ ފަހަތުން އަރައި ލީޑު ހޯދައިފައެވެ. ދީމާގެ ފަރާތުން ފެނުނު ގޯސްތަކުގެ ފައިދާ ނަގައި, މެޗުގެ ތިންވަނަ ސެޓު ގެންދިޔައީ އިންޑިއާގެ ޖެނިފާއެވެ. އެ ސެޓު ޖެނިފާ ގެންދިޔައީ 11-5 އިންނެވެ.

ހަތަރުވަނަ ސެޓު ދީމާ ރަނގަޅަށް ފެށި ނަމަވެސް, ދެ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ހަތަރު ޕޮއިންޓުގެ ފަރަގަކުން އިންޑިއާގެ ޖެނިފާ ކުރިއަށް ޖެހިލި ނަމަވެސް, ދީމާ ވަނީ ފަހަތުން އަރައި ސެޓު ޕޮއިންޓު ހޯދައިފައެވެ. ދީމާ އަތުން ފުރަތަމަ ސެޓު ޕޮއިންޓް ވަނީ ގެއްލިފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ސެޓު ޕޮއިންޓް ހޯދައި, ދީމާ ވަނީ 13-11 އިން ހަތަރުވަނަ ސެޓު ގެންގޮސްފައެވެ. އެއާއެކު 2-2 ސެޓުން ދެ ކުޅުންތެރިން ވަނީ އެއްވަރުވެފައެވެ.

ފަހު ސެޓުގައި ފެށުން ރަނގަޅުކޮށް ޖެނިފާ ތިން ޕޮއިންޓުގެ ފަރަގެއް ހޯދި ނަމަވެސް, ދީމާ ވަނީ ފަރަގު ކުޑަކޮށް އެއްވަރުވެސް ކޮށްފައެވެ. އެއާއެކު އިންޑިއާގެ ޖެނިފާ ވަނީ ކުޅުން ރަނގަޅުކޮށް އަނެއްކާވެސް ފަރަގު ބޮޑުކޮށްފައެވެ. އިންޑިއާގެ ޖެނިފާ ފަހު ސެޓު ގެންދިޔައީ 11-6 އިންނެވެ. އެއާއެކު ޖެނިފާއަށް ވަނީ އެ އިވެންޓުގެ ޗެމްޕިއަންކަން ކަށަވަރުވެފައެވެ.

އަންހެނުންގެ ކެޑޭޓް ސިންގަލްސް ފައިނަލުގެ އިތުރުން އަންހެނުންގެ ޖޫނިއާ ފައިނަލާއި ފިރިހެނުންގެ ޖޫނިއާ އަދި ކެޑޭޓް ފައިނަލު ވެސް މިއަދު ކުރިއަށްދިޔައެވެ. އެ ތިން ފައިނަލުގައި މުޅިން ވެސް ވާދަކުރީ އިންޑިއާގެ ކުޅުންތެރިންނެވެ.

އަންހެނުންގެ ޖޫނިއާ ފައިނަލުގައި 3-1 ސެޓުން އިންޑިއާގެ ޔަޝިޝްމިނީއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ސުހާނާ ސައިނީއެވެ. ފިރިހެނުންގެ ކެޑޭޓް ފައިނަލުގައި ސީދާ ތިން ސެޓުން އިންޑިއާގެ ބަލަމުރުގަން ރާޖަސެކަރަން ބަލިކޮށް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ އަބިނަންދް ޕްރަހިވަދީއެވެ. އަދި ފިރިހެނުންގެ ޖޫނިއާ ފައިނަލުގައި 3-1 ސެޓުން އިންޑިއާގެ ޔަޝަންސް މާލިކް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޕަޔަސް ޖައިންއެވެ.

މުބާރާތުގައި ދީމާ ވަނީ ޖޫނިއާ ސިންގަލްސް އިވެންޓުގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދައިފައެވެ. އެ އިވެންޓުގެ ސެމީ ފައިނަލުގައި ދީމާ ބަލިވި ނަމަވެސް, އޭނާއަށް ލޯ މެޑައްޔެއް ލިބޭނެއެވެ. ތިންވަނަ ހޮވުމަށް މެޗެއް ކުޅުމުގެ ބަދަލުގައި ސެމީ ފައިނަލު މެޗުތަކުން ބަލިވާ ދެ ކުޅުންތެރިންނަށް ވެސް ލޯ މެޑައްޔެއް ލިބޭނެއެވެ.

މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ޓީމް އިވެންޓުގެ އަންހެން ކެޑޭޓް, އަންހެން ޖޫނިއާ އަދި ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ ތިން މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ނަމަވެސް އެ ތިން އިވެންޓުން ވެސް ރާއްޖެއަށް ލޯ މެޑައްޔެއް ލިބޭނެއެވެ.

މުބާރާތުގެ ކެޑޭޓް ސިންގަލްސްގެ ރިހި މެޑަލް ހޯދި ދީމާއަކީ ސަރަހައްދީ މުބާރާތްތަކުގައި ފަހުރުވެރި ކާމިޔާބީތަކެއް ހޯދައި, ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް ތިން ރަން މެޑަލް ވެސް ހޯދައިދީފައެވެ. އެއީ އެ ގޭމްސްގެ ތާރީހުގައި ރާއްޖޭގެ ކުޅުންތެރިޔަކު އެހާ ގިނަ ކާމިޔާބީތަކެއް ހޯދި ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން ތައިލެންޑުގައި ބޭއްވި ހޯޕްސް މުބާރާތުންވެސް ރާއްޖެއަށް ދީމާ ރިހި މެޑަލް ހޯދައިދީފައިވާ އިރު، ސައުތު އޭޝިއަން ގޭމްސްއިންވެސް ދީމާ ވަނީ ރާއްޖެއަށް ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިދީފައެވެ.

ދީމާ ވަނީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކެޑޭޓް ސިންގަލްސްގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ މުބާރާތުގައި ވެސް އިންޑިއާގެ ކުޅުންތެރިއެއް އަތުން ބަލިވެ, ދީމާއަށް ލިބުނީ ރިހި މެޑައްޔެވެ.

މިދިޔަ އަހަރު ދީމާ ވަނީ އިންޓަނޭޝަނަލް ޓީޓީ ފެޑަރޭޝަންގެ އަންހެން ޔޫތު ރޭންކިންގެ ގަދަ 10 ގެ ތެރޭގައި ރޭންކުކޮށްފައެވެ. ދީމާ ވަނީ 15 އަހަރުން ދަށުގެ ރޭންކިންގެ އަށްވަނައަށް ޖެހިލައިފައެވެ. އެއީ ރާއްޖޭގެ ޓީޓީ ތާރީހަށް ބަލާއިރުވެސް ރޭންކިންގައި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.