ސިނަމާލެ ބުރިޖުން ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް ފުލުހުން ހުއްޓުވައި ސުވާލުކުރުމުން ޝަހްސު އޮޅުވާލި މީހަކު 14،400 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިއީ 13 ޖުލައި 2020 ވަނަ ދުވަހުގެ 11:19 ހާއިރުު، ރަޖިސްޓަރީ ނަންބަރު AA0 J P5933 ސައިކަލުގައި އދ. ދަނގެތީ، ބަގީޗާގެ އަބްދުއްރަހީމް ފަރުހާދު، ހުޅުމާލެއިން މާލެއަށް ސިނަމާލެ ބުރިޖުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ފުލުހުން އޭނާ ހުއްޓުވައި އޭނާ އަތުގައި ލައިސަންސް ނެތުމުން އޭނާގެ ނަމާއި ދާއިމީ އެޑްރެހާއި އުފަން ތާރީހު ސާފުކުރުމުން އޭނާއަކީ ކ. މާލެ، ހ. ތަންބީއާގެ އަބްދުﷲ ރަޝީދު ކަމަށް ބުނެފައިވާތީ އާއި އޭނާ ދިން މައުލޫމާތުގެ މައްޗަށް ފުލުހުން އަބްދުﷲ ރަޝީދުގެ ނަމުގައި ޖޫރިމަނާ ކުރެވޭ ފަރާތުގެ މައުލޫމާތު ސްލިޕް ފުރިހަމަކުރުމުން އަބްދުﷲ ރަޝީދުގެ ނަމުގައި އެ ސްލިޕްގެ ނުފުށުގައި އޭނާ ފިންގާޕްރިންޓް ޖަހައި ޝަހުސު އޮޅުވާލުމުން، އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާއެވެ.
އެ ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި އަބްދުއްރަހީމް ވަނީ އިއުތިރާފުވެފައެވެ. އަދި މި މަހުގެ ހަތަރު ވަނަ ދުވަހު އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމުގައި އަބްދުއްރަހީމް ސޮއިކޮށްފައިވާތީ އެ މައްސަލަ ބައްލަވާ ގާޒީީ މުހައްމަދު މިސްބާހް ވަނީ އެ މައްސަލައިގައި އަވަސް ނިޔާއެއް އިއްވުމަށް ނިންމަވައިފައެވެ.
ޝަހްސު އޮޅުވާލި މައްސަލަ ސާބިތުވެއްޖެ ނަމަ ކަނޑައެޅޭ އަދަބަކީ ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ޝަރީއަތުން ވަނީ ބުނެފައެވެ.
ނަމަވެސް އަބްދުއްރަހީމްގެ މައްޗަށް ކަނޑައެޅޭ އަދަބު ވީހާވެސް ލުއިކޮށްދޭން އޭނާގެ ފަރާތުން ޝަރީއަތުގައި އެދިފައިވާތީ ޝަރީއަތުން ބުނެފައިވަނީ އެފަދަ ކުށްތަކުގައި ޖަލަށްލުމުގެ އަދަބު ކަނޑައެޅުން، ދިވެހި ދައުލަތުގެ މައްޗަށް އޮންނަނީ މާލީ އަދި އިދާރީ ބުރައަށާއި ދައުވާލިބޭ ފަރާތް ކުށުގެ ވެށިން ދުރުވުމަށް ބާރު އެޅޭ މިންވަރަށް ރިއާޔަތްކުރާއިރު ޖަލު އަދަބު ކަނޑައެޅުމުގެ މަސްލަހަތަށްވުރެ އެނޫން އަދަބެއް ކަނޑައެޅުމުގެ މަސްލަހަތު ބޮޑުކަން އެނގެން އޮންނަ ކަމަށެވެ. މި މައްސަލައިގައި ޖޫރިމަނާކުރުމުގެ އަބަދަކަށް ބަދަލުކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ޝަރީއަތަށް ފެންނަ ކަމަށާއި އެހެންކަމުން އަބްދުއްރަހީމް ތަންފީޒުކުރަން ޖެހޭ ދެ މަހާއި 12 ދުވަހިގެ ޖަލު އަދަބު ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކުރާނަމަ ބަދަލު ކުރެވޭނެ އަދަބަކީ 14،400 ޖޫރިމަނާކުރަންކަން އެނގެން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި އަވަސް ނިޔާއެއް އިއްވުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ މިސްބާހު ވަނީ ޝަހްސު އޮޅުވާލުމުގެ ކުށުން އަބްދުއްރަހީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބު 14،400 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް، ޖޫރިމަނާކޮށް ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު