ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި ހައްޔަރުކުރި ގދ. ތިނަދޫ، މުހައްމަދު ރުސްތުމް މުޖުތަބާ އެކަމަށް ޝަރީއަތުގެ މަޖިލީހުގައި މިއަދު އެއްބަސްވެއްޖެ އެވެ.

ރުސްތުމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

އެއީ ރުސްތުމްގެ ފޭސްބުކާއި ޓުވިޓާގައި މާތްﷲ އާއި އިސްލާމް ދީނާއި ރަސޫލާއަށް ހަޑި ހުތުރު ބަސްތައް ރައްދުކޮށްފައިވާތީ އާއި އޭނާގެ ކޮޓަރިން ފެނުނު އޭނާގެ ހާޑް ޑިސްކެއްގައި، އޮރިޔާން މަންޒަރު ފެންނަ ފޮޓޯ ހުރި މައްސަލައިގަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ރުސްތުމްގެ އަޑުުއެހުން ފައްޓަވަމުން ގާޒީ މުހައްމަދު މިސްބާހު ވަނީ ރުސްތަމް ފަރާތުން ވަކީލަކު ހަމަޖައްސާފައި ނުވާތީ ވަކީލަކާ ނުލައި އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމަވައިފައެވެ. ނަމަވެސް ހުކުމް ކުރުމާ ހަމައަށް ވަކީލެއް އައްޔަނުކުރުމުގެ ފުރުސަތު ރުސްތަމްއަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ޝަރީއަތުގައި ދައުލަތުން އިއްވި ދައުވާއަށް ޖަވާބުދާރީވާން އެންގެވުމުން ރުސްތުމް ބުނީ، އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުންވެސް އޭނާއަށް ކުރާ ތުހުމަތުތަކަށް އިއުތިރާފު ވެފައިވާނެ ކަމަށެވެ. އަދި ދައުވާތަކަށް އިއުތިރާފު ވަނީ މަޖުބޫރުކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް ބުންޏެވެ.

ދައުލަތުން ދައުވާ އިއްވައި އަދަބުތައް ކިޔައިދިން އިރު، ދައުވާތަކަށް އިއުތިރާފުވެއްޖެ ނަމަ އަންނާނީ ފަސް މަހުގެ ޖަލު ހުކުމެއް ކަމަށް ބުނުމުން ރުސްތުމް ވަނީ އޭނާ ބަންދުގައި ހުންނަތާ ހަ މަސް ދުވަސްވެއްޖެ ކަމަށް ބުނެ، ބަންދުގައި އިތުރަށް ހުންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.

އެކަން އިތުރަށް ސާފުކުރަން ގާޒީ މިސްބާހް، ދައުލަތުގެ ފަރާތުން އެދިވަޑައިގަތުމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެތަނުގެ ރެކޯޑްތަކުން ދައްކަނީ ބަންދުގައި ރުސްތުމް ހޭދަކުރީ 29 ދުވަހާއި 22 ގަޑިއިރާއި 19 މިނެޓް ކަމަށެވެ. އެހެންވެ، އެކަން އިތުރަށް ސާފުކުރަން ގާޒީ ވަނީ އަންގަވައިފައެވެ.

އެ މައްސަލައިގައި ގާޒީ މިސްބާހް ވިދާޅުވީ، ބަންދުގައި ހުއްޓަސް ޝަރީއަތް ކުރިއަށްގެންދަން ޖެހޭނެ ކަމަށާއި ބަންދުގެ މުއްދަތު އުނިކުރާނީ ހުކުމުން ކަމަށެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ދޫކޮށްލާފައި ހުއްޓާ އަނެއްކާވެސް ދީނަށް ފުރައްސާރަކޮށްގެން ހައްޔަރުކުރީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު މާލެއިންނެވެ.

މިއަދު ޝަރީއަތް ގާޒީ މިސްބާހު ނިންމަވައިލެއްވީ މި މަހުގެ 23 ގައި އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާނުކުރައްވަމުންނެވެ.