މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 621،633 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ގާތްގަނޑަކަށް 55 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމަޔަށް ރާއްޖެ އައިސްފައިވަނީ 412،654 ފަތުރުވެރިންނެވެ.
މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 149،011 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، މިދިޔަ މަހު ޒިޔާރަތްކޮށްފައިވަނީ 150،739 ފަތުރުވެރިންނެވެ. އަދި އޭޕްރީލް އޭޕްރީލް މަހު 145،279 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، މިމަހުގެ މިހާތަނަށް ޒިޔާރަތް ކުރީ 44،843 ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިނގިރޭސިވިލާތެވެ. އިންޑިއާ ދެވަނައަށް ޖެހިލި އިރު، ގިނަ ދުވަސްތަކެއް ވަންދެން ލިސްޓުގެ ކުރީގައި އޮތް ރަޝިއާ ވަނީ ތިންވަނައަށް ވެއްޓިފައެވެ. ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެ ދެ ގައުމުގެ މާކެޓަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު