ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްއާރްސީއެމްގެ އެސްޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ، އެ ކޮމިޝަނުގެ އެސްޖީ މުހައްމަދު ޔާމީން އާ ގުޅޭ ސްލޫކީ މައްސަލައެއް ބަލަން ފެށުމުން އޭނާ އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
އެސްޖީގެ މަގާމަށް ކުރިމަތިލާ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ އިންސްޓިޓިއުޝަނަކުން ހިއުމަން ރިސޯސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ފައިނޭންސް، އެކައުންޓިން، ނުވަތަ ގާނޫނީ ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަގާމެއްގައި މަދުވެގެން އަށް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފަ އެވެ.
މި މަގާމަށް މީހަކު ހޮވުމުގައި ތައުލީމީ ފެންވަރުގެ އިތުރުން އިސްނެގުމަށާއި، ލީޑާޝިޕަށާއި، ތެދުވެރިކަމަށާއި، އަމާނާތްތެރިކަމަށާއި، ހިންގުމުގެ ތަޖުރިބާއަށް އަދި ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ބަލާނެ ކަމަށާއު އެ މީހަކީ އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދު މީހަކަށްވެސް ވާންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ 12:00ގެ ކުރިން މި މަގާމަށް ކުރިމަތިލުމަށް އެދޭ ކަމަށެވެ. މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 20،500 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15000 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން ފޯނު އެލެވެންސްގެ ގޮތުގައި މަހެއްގެ މައްޗަށް 1000 ރުފިޔާ ލިބޭނެ އެވެ.
މީގެ ކުރިން އެ މަގާމުގައި ހުންނެވި ޔާމީން ވަނީ ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް އެޗްއާރުސީއެމްގެ އެސްޖީކަން ކުރައްވައިފައެވެ. އޭގެ ކުރިން އޭނާ ވަނީ މީޑިއާ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު