ރާއްޖެއަށް ތައިލެންޑް އަންހެނުން ޓްރެފިކުކޮށް, އެމީހުން ލައްވައި ހަށިވިއްކަމުންދިޔަ، ރޭވިގެން ކުށްކުރާ ގުރޫޕެއްގެ މައްސަލަ ބެންކޮކުގައި ހުންނަ އިންޓަޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯއާ ގުޅިގެން ތަހުގީގުކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސެލޫން އެންޑް ސްޕާގެ ގޮތުގައި ހަށިވިއްކާ ތަންތަން ހަދައިގެން، ތައިލެންޑް އަންހެނުން ލައްވައި ހަށިވިއްކަމުންދިޔަ އެ މީހުން ހޯދީ ހިއުމަން ޓްރެފިކިންއަށް އަމާޒުކޮށްގެން އިންޓަޕޯލްއާއި 25 ގައުމަކުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައެވެ.

އިންޓަޕޯލުން ނެރުނު ބަޔާނެއްގައި ބުނީ, "އޮޕަރޭޝަން ސްޓޯމް މޭކާސް"ގެ ނަމުގައި މިއަހަރުގެ މާޗު 21 އިން 25 އަށް ހިންގި އޮޕަރޭޝަންތަކުގައި އޭޝިއާގެ ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ގެންދިޔުމާއި، އެމީހުންގެ ނާޖާއިޒު ފައިދާ ނަގަމުންދިޔަ، އިންތިޒާމުވެގެން ކުށްކުރާ ގުރޫޕްތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންތަކުގައި 25 ގައުމަކުން 121 މީހުން ހައްޔަރުކޮށް, 193 އާ ތަހުގީގު ފަށައި, ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ 80 މީހުން ހޯދިފައިވާ ކަމަށްވެސް އިންޓަޕޯލުން ބުންޏެވެ.

އިންޓަޕޯލްއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން، ރާއްޖޭގައި ހަށިވިއްކަމުންދިޔަ ބަޔަކު އަތުލައިގަތް އޮޕަރޭޝަންތަކަކީ ރާއްޖޭގެ އިންޓަލިޖެންސް އިދާރާތަކަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވި ތައިލެންޑް އަންހެނުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އިންޓަޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯއާ ގުޅިގެން ތައިލެންޑުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މި އޮޕަރޭޝަންގެ މައުލޫމާތު ހޯދުމަށް "ވަން" އިން ފުލުހުންގެ ފަރާތުން އެދުނު ނަމަވެސް އެފަދަ އޮޕަރޭޝަނެއް ހިންގިކަން ކަށަވަރުކޮށްދިނުން ފިޔަވައި އިތުރު އެއްވެސް ތަފުސީލެއް ނުދިނެވެ.

އެގޮތުން ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވީ ކިތައް އަންހެނުންކަމާއި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއްވެސް ނުބުނެއެވެ. އަދި އެފަދަ އޮޕަރޭޝަނެއް މާޗު މަހުގެ ތެރޭގައި ހިންގިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން މީޑިއާއާ ހިއްސާކޮށްފައެއްވެސް ނުވެއެވެ.