ޚަބަރު

އައްޑޫގައި ގާމެންޓް ފެކްޓަރީ އަޅަން ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފި

މުހައްމަދު އިޝާން

އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީ އަޅަން ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން އުފައްދާފައިވާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގާމެންޓް ފެކްޓަރީ ރާވައި ހިންގާނެ ގޮތާއި، ފެކްޓަރީ ފުރިހަމައަށް އޮޕަރޭޝަނަށް ގެންނަން އެކުލަވާލަންޖެހޭ އޮޕަރޭޝަނަލް އޮނިގަނޑު އެކުލަވާލައި މުޅި މަސައްކަތް ވިލަރެސްކުރާނީ ކޮންސަލްޓަންޓެއް ކަމަށެވެ.

ބީސީސީގެ އިއުލާނުގައި ވަނީ ފެކްޓަރީގެ އޮޕަރޭޝަނަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފައެވެ. ގާމެންޓް ފެކްޓަރީގެ އޮޕަރޭޝަނަށް ކޮންސަލްޓަންސީ ހުށަހެޅުގެ މުއްދަތު ހަމަވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

ބީސީސީން ބުނީ ގާމެންޓް ފެކްޓަރީގެ އޮޕަރޭޝަނަށް ކޮންސަލްޓަންސީގެ މަސައްކަތަށް ލިބޭނީ ހަ މަސް ދުވަސް ކަމަށާއި ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އެ މުއްދަތު އިތުރުކުރެވޭނެ ކަމަށެވެ.

ގާމެންޓް ފެކްޓަރީގެ ކޮންސަލްޓަންސީގެ މަސައްކަތުގައި ފެކްޓަރީއަށް ބޭނުންވާ މެޝީނަރީ އާއި އެހެނިހެން ސަޕްލައި ހޯދުމުން ފެށިގެން ފެކްޓަރީގައި އުފައްދާނެ އަންނައުނުގެ ބާވަތްތަކާއި ކޮލިޓީއާ ގުޅޭ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ފެކްޓަރީގައި ޓޫރިސްޓުންނަށް ބޭނުންވާ އަންނައުނު ތައްޔާރުކުރުމާއި، އެތަނުގެ މުވައްޒަފުންނާއި ގާމެންޓް އަދި ފެޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ހާއްސަ ތަމްރީނު ދިނުން ވެސް ހިމެނެއެވެ.

ދެހާސް ވިހިވަނަ އަހަރު ވެސް ބީސީސީން ވަނީ އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީ އަޅަން ބީލަމަށް ހުޅުވާލައި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

މީގެ އަހަރުތަކެއް ކުރިން އައްޑޫ ސިޓީ ގަމުގައި ސްރީލަންކާގެ ކުންފުނިތަކުން ގާމަންޓް ފެކްޓަރީތަކެއް ހިންގިއެވެ.