އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައި، ފޮނުވުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން އަންގަމުން ގެންދާ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕެއިން ޓީމުން ތުހުމަތުކޮށްފިއެވެ.
އިންތިހާބާ ބެހެގޮތުން ހުރި ކަންބޮޑުވުންތައް މީޑިއާއާ ހިއްސާކުރައްވަމުން އެޓީމުގައި ހިމެނިވަޑައިގަންނަވާ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު މިއަދު ވިދާޅުވީ، ވޯޓުލުުމާ ބެހޭގޮތުން އެމްޑީޕީން ކަނޑައެޅި އުސޫލު ބުނާގޮތުން، މި އިންތިހާބުގައި ވޯޓުލާ މީހުން ވޯޓިން ބޫތަށް ވަންނައިރު ފޯނު ވެއްދޭނެ ކަމަށާއި އެއީ ވަރަަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެނޫން ގޮތަކަށް އެކަން ބަދަލު ކުރުމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ ރައީސްއާ މަޝްވަރާކޮށް، ބަދަލު ގެނައުމަށް ލިޔުމުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއަށް އަދި ބަދަލު ނާންނަ ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، އެކަން ބަދަލުކުރުމަށް ހުށަހަޅާ ގޮތަކީ، "ފޯނު ހިފައިގެން ވޯޓުލާން ވަންނަ މީހާގެ ފޯނު، ވޯޓުލާ މަރުކަޒުގައި ހުންނަ އޮފިޝަލުންގެ މޭޒުމަތީގައި ބޭއްވުމަށްފަހު، ވޯޓުލައި ނިމިގެން ނުކުމެ ފޯނު ހިފައިގެން ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން،" ކަމަށެވެ.
ނަމަވެސް އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުގެ ރައީސްގެ ފަރާތުން މިހާރު ނެރެފައިވާ ނޫސްބަޔާނުގައި އޮތީ، ވޯޓުލާ ގޮތް ފޮޓޯ ނުނަގައިތޯ ކަށަވަރު ކުރަންޖެހޭ ގޮތަށް ކަމަށެވެ. ނަަމަވެސް އެކަން ކަށަވަރުކުރަން ދެން ކުރާނެ ކަމެއް ހިމަނާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ވޯޓުލާ ގޮތް ފޮޓޯ ނެގުމަކީ އިންތިހާބަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވޭނެ ކަމެއް ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުގެ ފައިދާ ނަގައިގެން ވޯޓުލާ ގޮތް ފޮޓޯ ނަގާފައި ފޮނުވުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން އެމްޑީޕީގެ މެންބަރުންނަށް އަންގަމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އެކަމުގެ ބޭނުމަކީ އެތަންތަނުގެ މުވައްޒަފުން ވޯޓުލީ އެމީހުން ބުނާގޮތަށްތޯ ބެލުން ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައިވެސް، އަދި އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިހާބުތަކުގައިވެސް މިހާތަނަށް އެފަދަ ފުރުސަތެއް ދީފައިނުވާ ކަމަށާއި، ފޮޓޯ ނެގިކަން ފާހަގަވާ ވޯޓު ކަރުދާސްކޮޅުތައް ވޯޓު ފޮއްޓަށް ލިޔަނުދޭން، މަސައްކަތް ކުރުމަށް އެފަރާތުގެ އޮބްޒާވަރުންނާއި މަންދޫބުންނަށް އިރުޝާދު ދީފައިވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
އެމްޑީޕީން އިއްޔެ އާއްމު ކުރި، މި އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދާނެ ގޮތާބެހޭ އުސޫލުގައި ބުނެފައިވަނީ، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން ނުވާނެ ކަމަށެވެ.
ހަސަން އިތުރަށް ވިދާޅުވީ، ތޮތްޕާއި އަވި އައިނު އަޅައިގެއް ވޯޓުލާން ދާ މީހުން ގެންދާ އައިޑެންޓިޓީ ކާޑާއި އެމީހުންނާ ވައްތަރުތޯ ބެލުމަށާއި، ކުޑަވެސް ޝައްކެއް އުޅޭނަމަ އިލެކްޝަން އޮފިސަރުން ލައްވައި އެކަން ކަށަަވަރުކުރުމަށްވެސް މަންދޫބުންނަށް އިރުޝާދު ދީފައިވާ ކަމަށެވެ. އަދި މޫނުބުރުގާ އަޅައިގެން ވޯޓުލާން އަންނަ މީހުން، އަންހެން މަންދޫބުންގެ ހާޒިރުގައި މޫނު ނަގައި އެއީ އައިޑީ ކާޑުގައި ހިމެނޭ މީހާތޯ، ކަށަވަރު ކުރުމަށްވެސް އިރުޝާދު ދީފައިވާ ކަމަށެވެ.
މި އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
ހަސަން މިއަދު ވިދާޅުވީ، އިންސާފުވެރިކަމާއެކު އިންތިހާބު ބާއްވައިފިނަމަ، ފައްޔާޒުގެ މައްޗަށް ބޮޑުތަނުން އިންތި ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު