ޚަބަރު

ތިމާވެށީގެ ޕްރޮޖެކްޓުތަކަށް ބީއެމްއެލްގެ ހިލޭ އެހީގެ ފުރުސަތު މިމަހުގެ 15ގެ ނިޔަލަށް

މުހައްމަދު ޖަމްޝަތް ވަހީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ 'ބީއެމްއެލް ސްމޯލް ގްރާންޓްސް' ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ބުނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓުތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށްގެން އެ ބޭންކުން ތައާރަފުކުރި ސްމޯލް ގްރާންޓްސްއަށް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 15 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

ބީއެމްއެލުން ބުނީ ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލާފައިވަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓުތައް ހިންގުމަށް ކަމަށެވެ. އެގޮތުން މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓުތަކުގެ ތެރެއިން އަށް ޕްރޮޖެކްޓު ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، މި އެހީއާއެކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައަށް ދެމެހެއްޓެނެވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އުންމީދަކީ މި ދާއިރާގައި މަސައްކަތްކުރަމުން އަންނަ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުން ހިފުން ކަމަށެވެ.

މި އެހީއަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކަކީ ހައުސިން ގްރާންޓް، ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލު ގެނައުމުގެ އިތުރުން ބީއެމްއެލް ސްކޮލާޝިޕް ފަންޑެވެ.