ޚަބަރު

މެދުއިރުމަތީގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ

މެދު އިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އޭޓީއެމް ފެއާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކާއި ހިދުމަތްތަކާއި ޕްރޮޑަކްޓުތައް ވިއްކާ ފަރާތްތައް އެއްތަންވެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއާއެކެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވާ މި ފެއާ އޮންނާނީ މި މަހުގެ 9 އަކުން 12 އަށް ދުބާއީ ވޯލްޑް ސެންޓަރުގައެވެ. އެމްއެމްޕީއާރުސީއާއެކު މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 62 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

މި ފެއާގެ ތެރެއިން އެމްއެމްޕީއާރުސީ އާއި ގަތަރު އެއާވޭސްއާ ދެމެދު ވަނީ ހާއްސަ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައެވެ. ދެ ކުންފުނީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވެވުނު މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. އަދި ގަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީސީއޯ ތިއެރީ އެންޓިނޯރީ އެވެ.

އޭޓިއެމް ފެއާގެ ތެރެއިން ރާއްޖެއިން މުހިންމު ބައްދަލުވުންތަކާއި ނެޓްވޯކިން ސެޝަންތަކެއް ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ރަންޔޫބީލްއާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް މި ފެއާގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

އޭޓީއެމް ފެއާއަކީ މެދު އިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާއަށް ވާއިރު މިއަހަރަކީ އޭޓީއެމް ފެއާ ބާއްވާ 29 ވަނަ އަހަރެވެ. މި އަހަރުގެ ފެއާގައި ޖުމުލަ 112 ގައުމަކުން ވަނީ ބައިވެރިވެފައެވެ.