ޔުނިވާސަލް އިން ކުއްޔަށް ހިފާފައި އޮންނަ ކ. ފުރަނަފުށީގައި ހިންގަމުން އަންނަ ޝެރެޓަން މޯލްޑިވްސްއާއި އއ. ފެސްދޫގައި ހިންގަމުން އަންނަ ޑަބްލިއު މޯލްޑިވްސް ވިއްކާލަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މި ދެރަށުގެ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވޭތޯ ބެލުމަށް އިއްޔެ އިއުލާނުކޮށްފަ އެވެ. މި ގޮތަށް އިއުލާނުކުރާނީ ރިސޯޓެއް ވިއްކާލުމަށް ނިންމައި މިނިސްޓްރީއަށް އެކަން އެންގުމުންނެވެ.

ޑަބްލިއު މޯލްޑިވްސްއާއި ޝެރެޓަން މޯލްޑިވްސްއަކީ ޔުނިވާސަލް ކުންފުނީގެ 50 ޕަސެންޓް ހިއްސާ އޮންނަ ދެ ރިސޯޓެވެ. މ ދެ ރަށަކީ ޔުނިވާސަލްގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު ހޮޓެލް ޗެއިން މެރިއޮޓްގެ ދަށުން ހިންގާ ސްޓާވުޑް ހޮޓެލްސް އެންޑް ރިސޯޓްސްގެ ހިއްސާ އޮންނަ ދެ ރިސޯޓެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ ދެރަށް ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން އެ ދެ ރަށް އެ ރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ.

މި ދެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާ ނަމަ 9 މޭ 2022 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.