ސްރީލަންކާގައި ހުޅު ރޯވެއްޖެއެވެ. ހުރިހާ ގޮތަކުންނެވެ. ކުރީގައި އަނދަމުން އައީ ސިޔާސީ ހުޅެކެވެ. އެހެންނަމަވެސް ހޯމަދުވަހުން ފެށިގެން މީސްމީހުންގެ ގެދޮރާއި މުދަލާއި ދަނޑުބިންތަކަށް މި ހުޅުގަނޑު ފެތުރިގެން ހިނގާއްޖެއެވެ. ހަގީގީ އަލިފާނަކަށް ބަދަލުވެގެން މިދިޔައީ އެއްވެސް ބަޔަކު އަޅައިގެންނުވާނެ ކަތި ފިޔަވަޅެއް އެޅުމުގެ ސަބަބުންނެވެ. އެ ފިޔަވަޅަކީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ އާއްމުން ބިރުގަންނަވައި ފައްސައިލުމަށްޓަކައި ފައިސާދީގެން ގޭންގުތަކެއް ނެރެ މާރާމާރީ ހިންގުމެވެ. ސްރީލަންކާގެ ކުދިބޮޑު އެންމެހައި ރައްޔިތުން ގަބޫލުކުރާ ގޮތުގައި ގޭންގުތައް ނެރުނީ ސްރީލަންކާ ޕީޕަލްސް ފްރަންޓް ޕާޓީންނެވެ. މިއީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސާގެ ޒައާމަތުގެ ދަަށުގައިވާ ޕާޓީއެކެވެ. އެހެން ގޮތަކަށް ލިޔާނަމަ ރާޖަޕަކްސާ އާއިލާގެ ޕާޓީއެވެ.

ކޮންމެއަކަސް ވީއެއްޗެއް ވެނިމިއްޖެއެވެ. އާއްމު ރައްޔިތުންނާ ކުރިމަތިލުމަށްޓަކައި ކޮންމެވެސް ބަޔަކު ގޭންގުތަކެއް ނެރެފިއެވެ. އާއްމު ރައްޔިތުން ގައިގައި ތަޅައި ރޯނާގަންނަވައިފިއެވެ. އެވަރުން ރައްޔިތުން ބިރުގަނެ ގެތަކަށް ވަދެ ބޮނދައިފާނެ ކަމަށް ހީކުރި ބަޔަކަށް ހަގީގަތުގައި ލިބުނީ ކޮޅުކެއްސެވެ. ކަންތައް ބަދަލުވެގެން ފުރޮޅިގެން ދިޔައީ އެބަޔަކު ހީކުރި ގޮތަކަށް ނޫނެވެ. ރައްޔިތުންގެ ބާރަށްވުރެ ގޭންގުތަކުގެ ބާރު ގަދައެއް ނުވާނެތާއެވެ. ކަރުނަގޭހާއި އަސޭމިރުސް ދުމާއި ފެނަށްވުރެވެސް ރައްޔިތުންގެ ބާރުގަދަވާނެތާއެވެ. ފެނިގެން ދިޔައީ އެ މަންޒަރެވެ. ރައްޔިތުންގެ ރުޅިވެރިކަން ޖެހުނީ އެއްދަރަޖަ މައްޗަށެވެ. މުޒާހަރާތައް ރޫޅައެއް ނުލެވުނެވެ. އާއްމުން ފައްސައެއްވެސް ނުލެވުނެވެ. އެހިސާބުން ފެނިގެން ދިޔައީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އިސްތިއުފާއެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވީ ރައްޔިތުން ހިސާބަކަށް މައިތިރިވެ ހަމަނުޖެހުންތަކަށް ފިނިކަމެއް ގެނެވިދާނެކަމުގެ ހީތަކާއެކުގައެވެ. އެހެންނަމަވެސް ހަމަނުޖެހުންތައްވީ އިތުރެވެ. މިހާރު ގައުމުގެ ކޮންޓްރޯލް އޮތީ ކާކުގެ އަތުގައި ކިހާވަރަކަށްކަން ނޭނގޭ މިންވަރަށް ކަންކަން ވަނީ ބޮއްސުންލައިގެން ގޮސްފައެވެ. އެތައް ބަޔަކު މަރުވެއްޖެއެވެ. އެތައް ސަތޭކަބަޔަކު ޒަޚަމްވެއްޖެއެވެ. އެތައް އެތައް ގެއެއްގައި ރޯކޮށް އަންދާލައިފިއެވެ. މިކަން ނިމޭނީ ކޮންއިރަކު ކިހާ ހިސާބަކުން ކަމެއް ލަފާކުރަންވެސް ފަސޭހައެއް ނޫނެވެ. މިވަގުތު ސިކުނޑީގެ ބާރަށްވުރެ ގަދަކޮށް ފެންނަނީ މުލައްދަނޑީގެ ބާރެވެ. ގައުމަށް ވެރިވެފައިވަނީ ބަދަލު ހިފުމުގެ ރޫހެވެ. ރާޖަޕަކްސާއިންނާއި އެމީހުންނަށް ވާގިވެރިވާ ބައިވެރިންގެ ކިބައިން ބަދަލު ހިފުމުގެ ޖޯޝެވެ.

ސަރުކާރުން އިއުލާންކުރި ކާފިޔުއަކަސް އިމަޖެންސީއަކަސް އެހެން އެއްޗަކަސް ތަންފީޒެއް ނުވެއެވެ. އެއަށް ތަބާވާ ބަޔަކުވެސް ނެތެވެ. ވެރިރަށް ކޮޅުނބު އަމާންކުރުމުގެ މަސައްކަތަށް ސިފައިންގެ ޚާއްސަ ފައުޖުތައް ވަނީ ނެރެފައެވެ. އެކަމަކު އަދި ނަތީޖާ ސުމެކެވެ. ތަންތަން ރޯކުރުމާއި ލޫޓުވުމާއި މެރުންތައް ދަނީ ކުރިއަށެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ރައްޔިތުންގެ ރުޅިވެރިކަން އަމާޒުވެފައިވަނީ ރާޖަޕަކްސާއިންނަށެވެ. ދެން އެ އާއިލާގެ ވެރިކަން ދަމަހައްޓަން ފޫގަޅައިގެންތިބި ސިޔާސީ ފަރާތްތަކަށެވެ. އެހެންވީމާ ހުޅުޖަހަމުން އަންދަމުންދަނީ ރާޖަޕަކްސާއިންނަށް ނިސްބަތްވާ ގޭގޭގައެވެ. ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ގޭގޭގައެވެ. މިކަން އޮތީ ހަމައެކަނި ވެރިރަށް ކޮޅުނބަކު ނޫނެވެ. މިކަން އޮތީ ގައުމުގެ އެންމެހައި ކަންކޮޅުތަކުގައެވެ.

ސްރީލަންކާގެ ސިފައިންނާއި ފުލުހުންނަކީ ގައުމާއި ރައްޔިތުންގެ ހިމާޔަތުގައި ހަރަކާތްތެރިވާންޖެހޭ ބައެކެވެ. ސިފައިންގެ ފަރާތުން އަދި މިހާތަނަށް ހަތިޔާރުގެ ގަދަފަދަ ބާރު ނުފެނުމުގެ ސިއްރަކީ ރައްޔިތުން އިތުރަށް ރުޅި ނާރުވައި ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކުރުމުގެ ވިސްނުމެއް ސިފައިން ގެންގުޅުން ކަމަށް ވެދާނެއެވެ. އެކަމަކު ހުޅުޖެހުންތައް ނުހުއްޓިއްޖެނަމަ އަދި ސިޔާސީ ޕާޓީތަކުން ރައްޔިތުން ހިމޭންކުރުމުގެ ރޫހު ނުދައްކައިފިނަމަ ބޭނުންކުރެވުނު ކޮންމެ ވަސީލަތެއް ބޭނުންކޮށްގެންވެސް ހުޅުޖެހުމާއި ލޫޓުވުން ކޮންޓްރޯލްކުރަން ސިފައިންނަށް މަޖްބޫރުވާނެއެވެ. މިކަން ފެށީ ޕާޓީތަކުންނެވެ. އެހެންވީމާ ނިންމަންވާނީވެސް ޕާޓީތަކުންނެވެ. ގަބޫލުކުރެވޭ ގޮތުން ސިފައިން ތިބީ އެފުރުސަތު ދީގެންނެވެ. މުހުލަތު ދީގެންނެވެ.

ހުޅުޖަހައި އަންދާލި ތަންތަނުގެ ތެރޭގައި ދެކުނުގެ ހަމްބަންޓޮޓާ ޑިސްޓްރިކްޓްގައި ހުންނަ ރާޖަޕަކްސާ ޚާންދާނުގެ މައި ގަނޑުވަރު ހިމެނެއެވެ. އަދި ރާޖަޕަކްސާއިން ނިސްބަތްވާ އަވަށުގައި ގާއިމްކޮށްފައިވާ ރާޖަޕަކްސާ ޚާންދާނުގެ މިއުޒިއަމްވެސް ވަނީ އަންދައި އަޅިޔަށް ހަދާފައެވެ. މަހިންދަ ރާޖަޕަކްސާއާއި ގޮޓާބަޔާ ރާޖަޕަކްސާގެ މަންމަޔާއި ބައްޕަގެ ހަނދާނުގައި މަށިން ތައްޔާރުކޮށް މިއުޒިއަމްގައި ބަހައްޓާފައިހުރި ބުދުތައްވެސް ވަނީ އަނދައިގެން ގޮސްފައެވެ. ކެބިނެޓްގައި ހިމެނުނު އެތައް ވަޒީރުންނާއި ރާޖަޕަކްސާއިންގެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އެތައް އެތައް ގެޔެެއްވެސް އަނދައި އަޅިޔަށް ވެއްޖެއެވެ. މިއީ ލަންކާގެ މުޅި ތާރީޚުގައިވެސް މިހާތަނަށް ފެނިފައިނުވާވަރުގެ ނުރައްކާތެރި ބޮޑު ހުޅެކެވެ. އަވަށްޓެރީންނަށްވެސް ފިލާވަޅަކަށް ފުދޭހައި މާނަފުން ހުޅެކެވެ.