ޓޭބަލް ޓެނިސް

ކެޑޭޓް ބައިގެ ސެމީ ފައިނަލުންވެސް އަންހެން ޓީޓީ ޓީމު ޖާގަ ހޯދައިިފި

ރާއްޖޭގައި ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ކެޑޭޓް ކެޓަގަރީގެ ސެމީ ފައިނަލުންވެސް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ޖާގަ ހޯދައިފިއެވެ.

ކެޑޭޓް ކެޓަގަރީގެ ސެމީ ފައިނަލުން ރާއްޖޭގެ އަންހެން ޓީމު ޖާގަ ހޯދާފައިވާ އިރު، އިއްޔެ ވަނީ ޖޫނިއާ ކެޓަގަރީގެ ސެމީންވެސް އަންހެން ޓީމު ޖާގަ ހޯދާފައެވެ. ކެޑޭޓް ކެޓަގަރީން ޓީމު ސެމީގެ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ތިން ގޭމް ދެ ގޭމުން ބަލިވި ނަމަވެސް ފަހު މެޗުގައި ލަންކާ އަތުން ފަހަތުން އަރައި މޮޅުވެގެންނެވެ.

އެ ގްރޫޕުގައި ރާއްޖެއާއި ލަންކާ އަދި ޕާކިސްތާނަށްވެސް ލިބުނީ އެއް މޮޅެވެ. ޕޮއިންޓްގެ ގޮތުން ތިން ޓީމު އެއްވަރުވެ، ސެޓުގެ ތަފާތަށް ބަލާއިރު ރާއްޖެއާއި ލަންކާ އެއްވަރުވުމުން ސެޓުގެ ތަފާތަށް ބަލާއިރު، ކުރި ލިބުނީ ލަންކާ އަށެވެ. އެހެން ކަމުން ގްރޫޕްގެ އެއްވަނަ ލިބުނީ ލަންކާ އަށެވެ. ރާއްޖެ އަށް ލިބުނީ ދެ ވަނައެވެ.

އަންހެން ކެޓަގަރީގެ ކެޑޭޓް ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ގްރޫޕް އޭގެ އެއް ވަނަ އިންޑިއާއާ ދެކޮޅަށެވެ. ސެމީ ފައިނަލް ދެ ވަނަ މެޗުގައި ސްރީ ލަންކާ ނުކުންނާނީ ނޭޕާލް އާ ދެކޮޅަށެވެ.

ޕާކިސްތާނު އަތުން ބަލިވެ، ލަންކާއާ ދެކޮޅަށް ރާއްޖެ ދެވަނަ މެޗުގައި ނުކުތީ މޮޅަކަށް މަޖުބޫރުވެފައި އޮވެގެންނެވެ. އެ މެޗުން ރާއްޖެ މޮޅުވީ ފަހަތުން އަރައި، 3-1 ގޭމުންނެވެ. ފުރަތަމަ ގޭމުގައި ކުޅެން ނުކުމެ ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހީމް އަތުން ލަންކާގެ ލެސަންޔާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެއީ 6-11،7-11 އަދި 4-11 އިންނެވެ. ދެ ވަނަ ގޭމަށް ނުކުމެ ލަންކާގެ ތަމާޑީ އަތުން މޮޅުވެ، ރާއްޖޭގެ ދީމާ ދިވެހި ޓީމަށް އުންމީދު ހޯދައިދިނެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-9، 11-4 އަދި 13-11 އިންނެވެ.

ދެން ކުޅުނު ގޭމް ވަރަށް ފޯރި ގަދައެވެ. ދީމާ އާއި މިޝްކާގެ ޕެއާ ކުޅެން ނުކުމެ ލަންކާގެ ލެސަންޔާ އާއި ޓަމާޑީ އަތުން މޮޅުވެ، ސެމީގެ އުންމީދު ދެމެހެއްޓި އެވެ. މެޗުގެ ފުރަތަމަ ސެޓް ލަންކާއިން ކާމިޔާބުކުރީ 7-11 އިންނެވެ. ޖެހިގެން އައި ދެ ސެޓް ރާއްޖޭގެ ޕެއާ އިން ކާމިޔާބުކުރީ 11-9 އަދި 12-10 އިންނެވެ. ހަތަރު ވަނަ ސެޓު ލަންކާ އިން 9-11 އިން ކާމިޔާބުކޮށް މެޗުގެ ފޯރި ގަދަވިއެވެ. ފަހު ސެޓުގައި އެއްވަރުކޮށް ގޮސް މެދުތެރެއިން ރާއްޖެ އިން ލީޑު ނެގިއެވެ. މިޝްކާ އާއި ދީމާގެ ހިތްވަރާ އެކު 11-8 އިން އެ ސެޓު ކާމިޔާބުކޮށް ރާއްޖެ އަށް ސެމީގެ ޖާގަ ހޯދައިދިނެވެ.

ކެޑޭޓް ކެޓަގަރީގެ ފިރިހެން ބައިގައި ރާއްޖޭގެ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ބަލިވީ ބަންގްލަދޭޝް އަތުންނެވެ.