ޓޭބަލް ޓެނިސް

ގްރޫޕުގެ އެއްވަނަ ހޯދައި، އަންހެން ޓީމު ޖޫނިއާ ބައިގެ ސެމީއަށް

މާލޭގައި މިއަދު ފެށި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ ގައުމީ އަންހެން ޖޫނިއާ ޓޭބަލް ޓެނިސް ޓީމުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ޓީމު އިވެންޓް މެޗުތައް މިއަދު ފަށާފައިވާ އިރު، ރާއްޖެއިން ސެމީއަށް ދިޔައީ ޖޫނިއާ އަންހެން ޑިވިޝަންގައި ޕާކިސްތާނާއި ނޭޕާލް ބަލިކޮށްފައެވެ. ސަރަހައްދީ ހަ ގައުމަކުން ވާދަކުރާ މުބާރާތުގެ ޖޫނިއާ އަންހެން ބައިގައި ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށް ރާއްޖެ ގްރޫޕުގެ އެއް ވަނަ ހޯދި އިރު، އެ ގްރޫޕުން ދެވަނައަށް ދިޔައީ ޕާކިސްތާނެވެ. ސެމީ ފައިނަލުގައި ރާއްޖެ މާދަމާ ނުކުންނާނީ ގްރޫޕް އޭގެ ދެވަނަ އަށް ދިޔަ ސްރީލަންކާއާ ދެކޮޅަށެވެ. ގްރޫޕް އޭ އިން އެއްވަނަ ހޯދީ އިންޑިއާއެވެ.

ޖޫނިއާ ކެޓަގަރީގެ އަންހެން ޑިވިޝަންގައި ރާއްޖެއިން މިއަދު ފުރަތަމަ ކުޅުނު މެޗަކީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗެވެ. މެޗުގެ ފުރަތަމަ ގޭމުގައި ޕާކިސްތާނުގެ ހަގީގާގެ މައްޗަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކާމިޔާބު ހޯދީ ސީދާ ތިން ސެޓުންނެވެ. ރަފާ ސެޓުތައް ގެންދިޔައީ 11-9، 11-8 އަދި 11-9 އިންނެވެ.

ދެވަނަ ގޭމަށް ރާއްޖެ އިން ނުކުތީ ފާތިމަތު ދީމާ އަލީއެވެ. ދީމާ ވަނީ ޕާކިސްތާނުގެ ޕެންރިޔާ އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ. ތިން ސެޓު ދީމާ ކާމިޔާބު ކުރީ 11-5، 11-9 އަދި 11-1 އިންނެވެ.

ތިންވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް އަތުން ޕާކިސްތާނުގެ ކަލްސޫމް މޮޅުވީ ފަހަތުން އަރައެވެ. މެޗުގެ ފުރަތަމަ ސެޓުތައް 11-6، 11-5 އިން މިޝްކާ ގެންދިޔަ ނަމަވެސް، ފަހު ތިން ސެޓު ކަލްސޫމް ގެންދިޔައީ 6-11، 11-13 އަދި 3-11 އިންނެވެ.

ތިންވަނަ ގޭމުގައި މިޝްކާ ބަލިވި ނަމަވެސް ހަތަރުވަނަ ގޭމުގައި ދީމާ ވަނީ އަނެއްކާވެސް ރާއްޖެއަށް ފަސޭހަ މޮޅެއް ހޯދައިދީފައެވެ. އެ ގޭމުގެ ސެޓުތައް ދިމާ ގެންދިޔައީ 11-7، 11-5 އަދި 11-3 އިންނެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗު ނޭޕާލާ ވާދަކޮށް ރާއްޖެއިން ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމުގައި ވާދަވެރި ކުޅުމަކަށް ފަހު ރާއްޖޭގެ ދީމަ ވަނީ ނޭޕާލްގެ ބިއަންކާ ބަލިކޮށްފައެވެ. މި ގޭމުގެ ފުރަތަމަ ސެޓު 11-09 އިން ދީމާ ކާމިޔާބުކުރި އިރު، ދެވަނަ ސެޓު ބިއަންކާ ގެންދިޔައީ 10-12 އިންނެވެ. ފަހު ދެ ސެޓު ދީމާ ކާމިޔާބުކުރީ 11-08 އަދި 12-10 އިންނެވެ.

އެ މެޗުގެ ދެވަނަ ގޭމު ރާއްޖޭގެ ރަފާ ކާމިޔާބުކުރީ ނޭޕާލްގެ އިވާނާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ރަފާ ގެންދިޔައީ 11-08، 11-04 އަދި 11-08 އިންނެެވެ.

ތިންވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ ވަނީ ފަހަތުން އަރައި ނޭޕާލްގެ ސުބަޝްރީ ބަލިކޮށްފައެވެ. ފުރަތަމަ ސެޓު 09-1 އިން ސުބަޝްރީ ކާމިޔާބުކުރި ނަމަވެސް މިޝްކާ ވަނީ ތަފާތު ހިތްވަރެއް ދައްކައި ޖެހިގެން އައި ތިން ސެޓު 13-11، 11-05 އަދި 11-06 އިން ކާމިޔާބުކޮށްފައެވެ.

ޖޫނިއާ ބައިގެން އަންހެން ޓީމު އިވެންޓް ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ރާއްޖޭގައި މިއަދު ފެށިގެން ދިޔަ ޓީޓީ މުބާރާތަކީ ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ ޓީޓީގެ އެންމެ ބޮޑު މުބާރާތެވެ. މުބާރާތުގައި ހަ ގައުމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ބައްލަވައިލެއްވުމަށާއި ދިވެހި ކުޅުންތެރިންނަށް ހިތްވަރުދެއްވުމަށް މިއަދު ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސޯޝަލް ސެންޓަރު އިންޑޯއަށް ވަޑައިގެންފައިވެއެވެ.