ހިޔާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ދެ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، ކެމެރާ ހަރުކޮށްފައިވަނީ ހިޔާ ޓަވަރު 13 އަދި 14 ގައި ކަމަށެވެ. އަދި އެ ކެމެރާތައް މިއަދު އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށެވެ.
އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖާ އަލީ ވަޖީހު ވިދާޅުވީ، ބާކީ ހުރި ޓަވަރުތަކުގައި ވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތް މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.
ސީސީޓީވީން ހިޔާ ފްލެޓުގެ ބޭސްމެންޓާއި ކޮރިޑޯ ކަވާކުރާއިރު ލިފްޓާއި ޓެރެސް ވެސް ކަވާކުރާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޓަވަރުތަކުގައި ހިނގާ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓަވަރުތަކުގައި ދިމާވާ އެކި މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް. ކުނީގެ މައްސަލަތަކާއި ކްރިމިނަލް އެކްޓިވިޓީސްތައް ވެސް މީގެ ސަބަބުން މަދުވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ވަޖީހު ވިދާޅުވިއެވެ.
އެޗްޑީސީން 25 ބުރީގެ 16 ޓަވަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މަޝްރޫއުގެ ދަށުން 3،000އާ ގާތްކުރާ އަދަދަކަށް ކެމެރާ ހަރުކުރާ އިރު، ކޮންމެ ބުރިއެއްގައި ހަތް ކެމެރާ ހަރުކުރާނެއެވެ.
ހިޔާ ފުލެޓް ސަރަހައްދުގައި މިހާރު ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ އިރު، އެތަނުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާކަމުގެ ޝަކުވާތައް ގިނަ ބަޔަކު ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު