ދިވެހީންނަށް ވިސާއާ ނުލައި 30 ދުވަހަށް ކަޒަކިސްތާނަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ނޫރްލާން ޝަލްގަސްބަޔޭވްއެވެ.
އެ އެއްބަސްވުމުގެ ދަށުން، ކަޒަކިސްތާނު ރައްޔިތުންނަށް ވެސް ވިސާއާ ނުލައި 30 ދުވަހަށް ރާއްޖެ އާދެވޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވީ، ކަޒަކިސްތާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި އެ އެއްބަސްވުމާއެކު އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް އިތުރުވާނެ ކަމަށެވެ.
"މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ،" ހަލީލް ވިދާޅުވިއެވެ.
މި ސަރުކާރުން މިހާތަނަށް ވަނީ، ފަސް ގައުމަކަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިފައެވެ. އެއީ ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިއާ، މޮރޮކޯ އަދި ޗައިނާއެވެ.