ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިއެވެ.
މަހިންދަ ރާޖަޕަކްސަ ވަނީ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީފުޅު ދާދި ދެންމެއަކު އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް އަރުވައިފައެވެ.
މަހިންދަ ރާޖަޕަކްސާ އިސްތިއުފާ ދެއްވާފައި މިވަނީ ލަންކާގެ މަސްރަހު ފިނިކުރަން އެމަނިކުފާނު އިސްތިއުފާދެއްވަފާނެ ކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ. އަޑުތައް ފެތުރި، ލަންކާގެ މަސްރަހު އިންތިހާއަށް ގޯސްވެ، އާންމުންގެ މެދުގައި މިއަދު ހަމަނުޖެހުންތަކެއް ވެސް ވަނީ ހިނގައިފައެވެ.
ލަންކާގެ ހާލަތު ގޯސްވުމުން މިދިޔަ ހުކުރު ދުވަހުން ފެށިގެން އެގައުމުގައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ. ނަމަވެސް މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައިވާ އިރު، ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުން މަގުތަކަށް ނުކުމެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސައަށް ވެސް މިއަދު ވަނީ ހަމަލާދީފައެވެ.
އޭގެ އިތުރުން ރާޖަޕަކްސަ އާއިލާއާ ދެކޮޅަށް އަދި ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ގޮވާލައި މުޒާހަރާކުރަމުންދިޔަ ބައިވެރިންނަށް ހަމަލާދީ، އިންތިހާއަށް ހާލަތު ގޯސްވުމުން ވެރިރަށް ކޮލަމްބޯގައި މުއްދަތެއް ނެތް ގޮތަށް ކާފިއު ވެސް ވަނީ އިއުލާނުކޮށްފައެވެ.
އާންމުންގެ މެދުގައި މިއަދު ހިިނގި ކުރިމަތިލުންތަކުގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ. މިއަދުގެ ހަމަނުޖެހުންތައް ކޮންޓްރޯލުކުރަން ލަންކާގެ ފުލުހުންނާއި ސިފައިން ނުކުމެ ބާރުގެ ބޭނުންކޮށް ކަރުނަގޭހާއި ފެންޖަހާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްފަރުވާ ލިބުން ދަތިވުމުގެ ސަބަބުން ލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންގޮސް، ހަމަނުޖެހުންތައް ހިންގަމުންދާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި މުދައްރިސުންނާއި ދަރިވަރުންނާއި ސިއްހީ ހިދުމަތްތެރިން މުޒާހަރާއާ ގުޅުމުން ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ ބޮޑެތި އެއްވުންތައް ވަނީ ވަރަށް ވަރުގަދަވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ