މަނާކޮށްފައިވާ ޖަމާއަތެއް ކަމަށްވާ ޕަލަސްތީން އެކްޝަނަށް ތާއީދުކޮށް ލަންޑަންގައި އިއްޔެ ބޭއްވި މުޒާހަރާއަކުން 139 މީހަކު މެޓްރޮޕޮލިޓަން ޕޮލިހުން ހައްޔަރުކޮށްފިއެވެ. މެޓްރޮޕޮލިޓަން ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ލަންޑަންގެ ނައިން އެލްމްސްގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި ކުރިއަށްދިޔަ މި އެއްވުމުން އިއްޔެ ހަވީރު 6:15 އާ ހަމައަށް ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށްފައިވަނީ މަނާކޮށްފައިވާ ޖަމާއަތަކަށް ތާއީދު ފާޅުކުރުމުގެ ތުހުމަތުގައެވެ. އިތުރު މީހުން ހައްޔަރުކުރެވިދާނެ ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އެއްވުން އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި، ލަންޑަންގެ އެއްވުމުގައި މަދުވެގެން 400 މީހުން ބައިވެރިވާނެ ކަމަށް އޮތީ ލަފާކޮށްފައެވެ. ދަ ހިންދޫއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. މީގެ އިތުރުން، އެޑިންބަރާގެ ހޮލީރޫޑް ކައިރީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ދޮށުގައިވެސް އިއްޔެ ވަނީ އެ ޖަމާއަތަށް ތާއީދުކޮށް މުޒާހަރާކޮށްފައެވެ.
މި މުޒާހަރާތައް ބާއްވާފައިވަނީ، ޓެރަރިޒަމް އެކްޓް 2000 ގެ ދަށުން 2025 ވަނަ އަހަރު ޕަލަސްތީން އެކްޝަން މަނާކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ޔޫކޭ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައި ވަނިކޮށެވެ.
އެ ޖަމާއަތުގެ ކޯ-ފައުންޑަރު ހުދާ އައްމޯރީ ހުށަހެޅި މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ހައި ކޯޓުގެ ޑިވިޝަނަލް ކޯޓުން ވަނީ، ދާހިލީ ވަޒީރުގެ ނިންމެވުން އަމިއްލަ ސިޔާސަތުތަކާ ފުށުއަރާ ކަމަށާއި އެއީ ޔޫރަޕިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސްގެ 10 އަދި 11 ވަނަ މާއްދާއާ ހިލާފު ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް، ކޯޓް އޮފް އެޕީލުން ވަނީ ދާހިލީ ވަޒީރުގެ އިސްތިއުނާފު ގަބޫލުކޮށް އެ ނިންމުން ބާތިލުކޮށްފައެވެ. އެއަށްފަހު، ޖުލައި 29 ގައި ޔޫކޭ ސުޕްރީމް ކޯޓުން އިސްތިއުނާފުކުރުމުގެ ހުއްދަ ދީފައިވަނީ، ދާހިލީ ވަޒީރު އޭނާގެ އަމިއްލަ ސިޔާސަތަށް އަމަލުކުރައްވާފައި ނުވާ ކަމަށް ބުނާ ނުކުތާއަށް އެކަންޏެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް
ކޮމެންޓް