އިޒްރޭލުގައި މިދިޔަ އޮކްޓޫބަރު ހަތާވީސްވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ މިހާރު އެއޮތީ ސާފުވެފައެވެ. އިޒްރޭލުގެ ގާނޫނުހަދާ މަޖިލިސް ނުވަތަ ކެނެސެޓުގެ 120 ގޮނޑީގެ ތެރެއިން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ބައިވެރިންނަށް ލިބުނީ 53 ގޮނޑިއެވެ. އިދިކޮޅު ލީޑަރު ގާޑީ އެއިޒެންކޮޓްއާއި އޭނާގެ ބައިވެރިންނަށް ލިބުނީ 48 ގޮނޑިއެވެ. އަރަބި ޕާޓީތަކުގެ އިއްތިހާދަށް ނެގުނީ 19 ގޮނޑިއެވެ. އެއްވެސް ބަޔަކަށް 61 ގޮނޑިއެއް ނުލިބެއެވެ. އަޣުލަބިއްޔަތަކީ އެވަރެވެ. އެހެންވީމާ މިހާރު އިޒްރޭލު އެއޮތީ ހަތަރު އަނގޮޅިއެއްގައެވެ. ކުރިއަށްދާންވީ ގޮތާއި ދެވޭނެގޮތް ނިންމަން އޮތީ ދަތިވެފައެވެ. އެއްވެސް ބަޔަކަށް އަރަބި ޕާޓީތަކާއެކު ކޯލިޝަނެއް ހަދާކަށް އެއްބަހެއް ނުވެވެއެވެ. ނަތަންޔާހޫ ބުނަނީ އެއީ ހަރާން ކަމެއް ކަމުގައެވެ. އެއިޒެންކޮޓްވެސް ބުނަނީ އަރަބީންނާ ގުޅިގެން ސަރުކާރެއް ހަދަން ބޭނުން ނުވާކަމުގައެވެ. އެކަމަކު އަރަބީންނާ ނުލައި އެކަން ކުރެވޭނޭ ގޮތެއްވެސް ނެތެވެ.

އިޒްރޭލުގައި އަރަބި ޕާޓީތަކެއް އެބަހުއްޓެވެ. އެޕާޓީތައް މިފަހަރުގެ އިންތިޚާބުގައި ވާދަކުރީ ދެބަޔަކަށް ބެހިގެންނެވެ. އެއްބަޔަކީ ދަ ޖޮއިންޓް ލިސްޓެވެ. އަނެއްބަޔަކީ ޔުނައިޓެޑް އަރަބް ލިސްޓެވެ. ޖުމްލަ 19 ގޮނޑީގެ ތެރެއިން ޖޮައިންޓް ލިސްޓަށް 11 ގޮނޑިއެވެ. ޔުނައިޓެޑް އަރަބް ލިސްޓަށް 8 ގޮނޑިއެވެ. އިޒްރޭލުގެ ޕާލަމެންޓުގައި ދާއިރާތަކެއް ނުހުރެއެވެ. މުޅި އިޒްރޭލަކީ އެއްދާއިރާއެވެ. ރައްޔިތުން ވޯޓުދެނީ ކެންޑިޑޭޓުންނަކަށް ނޫނެވެ. ޕާޓީއަށެވެ. ގޮނޑިތައް ބެހިގެންދަނީ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަނޭ ކިޔުނު އުސޫލުންނެވެ. ޕާޓީތަކަށް ވޯޓުލިބޭ ވަރަކުން ގޮނޑިތައް އިތުރުވެ މަދުވާ އުސޫލުންނެވެ. އަރަބި ޕާޓީތަކަށް މިއަދަދަށް ގޮނޑި ލިބުނީ އަރަބި ކޮމިއުނިޓީގެ ގާތްގަޑަކަށް 80 އިންސައްތަޔަށްވުރެ މަތިން މީހުން ނުކުމެ ވޯޓު އެޅުމުންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ އިޒްރޭލުގެ އަރަބީންނަކީ ކޮބައިތޯއެވެ. އެމީހުންނަށް ވޯޓުލެވޭތޯއެވެ. މިކަންކަމުގެ މައްޗަށް ކުރުގޮތަކަށް ބަލައިލަމާބަހީއެވެ.

އިޒްރޭލުގެ ޖުމްލަ އާބާދީއަކީ ގާތްގަޑަކަށް ދިހަ މިލިޔަން މީހުންނެވެ. މިއީ އިޒްރޭލުގެ ސިޓިޒަންޝިޕް ލިބިފައިވާ އެގައުމުގެ ރައްޔިތުންނެވެ. މިދެންނެވި ދިހަ މިލިޔަން މީހުންގެ ތެރެެއިން 2.1 މިލިޔަން މީހުންނަކީ އަރަބިންނެވެ. އެއީ ޖުމްލަ އާބާދީގެ ތެރެއިން ގާތްގަޑަކަށް 21 އިންސައްތައެވެ. ޔަހޫދީންގެ އަދަދަކީ 7.7 މިލިޔަނެވެ. އެއީ އިޒްރޭލުގެ ޖުމްލަ އާބާދީގެ 77 އިންސައްތައެވެ. އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ އަރަބީންނަކީ އިޒްރޭލުގެ ރައްޔިތުންކަމުގައި ނުވެއެވެ. އެއީ ގާޒާޔާއި ހުޅަގުއައްސޭރީގައި ދިރިއުޅޭ އަރަބީންނެވެ. ގާޒާޔާއި ހުޅަގުއައްސޭރީގައި ފަލަސްތީނުގެ 5.4 މިލިޔަން މީހުން ދިރިއުޅެއެވެ. އެއީ އިޒްރޭލުގެ އަސްކަރީ އިސްތިއުމާރުގެ ދަށުގައިވާ މީހުންނެވެ. އެހެންވީމާ އެމީހުންނަކަށް އިޒްރޭލުގެ ސިޓިޒަންޝިޕެއް ނޯވެއެވެ. އިޒްރޭލުގެ އިންތިޚާބެއްގައި ވޯޓެއް ނުލެވެެއެވެ.

އިޒްރޭލުގެ ސިޓިޒަންޝިޕް ލިބިފައިވާ އަރަބީންނަކީ 1948 ވަނަ އަހަރު އިޒްރޭލު އުފެދުމާ ގުޅިގެން އެތައް މިލިޔަން އަރަބިން ގަދަކަމުން ގެދޮރުން ބޭރުކޮށް ފައްސައިލެވުނުއިރު ކޮންމެވެސް ގޮތަކުން އިސްތިސްނާވެގެން އިޒްރޭލުގައި ދެމިތިބި އަރަބީންނާއި އެމީހުންގެ އައުލާދެވެ. ސިޓިޒަންޝިޕް ނުލިބޭ އަރަބީންނަކީ 1967 ގެ ހަގުރާމައިގައި އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ މީހުންނެވެ. ގާޒާޔާއި ހުޅަގުއައްސޭރީގައި ދިރިއުޅޭ އަރަބީންނެވެ. އިޒްރޭލުގެ ރަސްމީ ސަރަހައްދު ކަމުގައި ނުހިމަނާ އޭރިޔާތަކުގައި ދިރިއުޅޭ އަރަބިންނެވެ. އެމީހުންނަށް އިޒްރޭލުގެ ސިޓިޒަންޝިޕް ދީފިއްޔާ އިޒްރޭލުގެ ޖުމްލަ ޔަހޫދީންގެ އާބާދީއާ އެއްވަރުވެއެވެ. ނުވަތަ އެއަށްވުރެވެސް މަތިވެއެވެ. އެހެންވީމާ އެކަންކުރަން ނުރުހެވެނީއެވެ. ކޮންމެއަކަސް އިޒްރޭލުގެ އަރަބީންނޭ އެކިޔަނީ އިޒްރޭލުގެ އައިޑީ ކާޑާއި ޕާސްޕޯޓް ލިބިފައިވާ އަރަބީންނަށެވެ. އެމީހުންގެ އަދަދަކީ ކުރިންވެސް ދެންނެވިހެން 2.1 މިލިޔަނެވެ.

އަރަބީންނޭ އެކިޔާ ކޮމިއުނިޓީގެ ތެރޭގައި ޔަހޫދީއަކު ނުހިމެނެއެވެ. އަރަބީންގެ ތެރެއިން މީހަކު ޔަހޫދީއަކަށް ވެއްޖެނަމަ އެމީހަކު ވަނީ ނުވަތަ ވާނީ މިޒްރާހީއަކަށެވެ. މިޒްރާހީންނަކީ ޔަހޫދީން މައިގަޑުގޮތެއްގައި ބެހިގެންވާ ދެބައިގެ ތެރެއިން އެއްބައެވެ. އެއީ މެޑިޓެރޭނިއަން ކަނޑުގެ ވަށަވަށައިގެންވާ ތަންތަނުން ހިޖުރަކުރި ޔަހޫދީންނާއި އެމީހުންގެ އައުލާދެވެ. އަނެއްބަޔަކީ އަޝްކެނާޒީންނެވެ. މިއީ އިރުމަތީ ޔޫރަޕާއި މެދުތެރޭ ޔޫރަޕުން ހިޖުރަކުރި މީހުންނާއި އެމީހުންގެ އައުލާދެވެ. ބެންޖަމިން ނަތަންޔާހޫ ހިމެނެނީ މިބައިގައެވެ. އޭނާގެ މައިންބަފައިން އައީ އިރުމަތީ ޔޫރަޕުގެ ޕޮލެންޑުންނެވެ. އިޒްރޭލުގެ އަރަބީންގެ ތެރޭގައި ހިމެނެނީ ފަލަސްތީނު މީހުންނާއި ދުރޫޒުންނެވެ. މީގެތެރެއިން ގިނައީ ސުންނީ މުސްލިމުންނެވެ. މިދެންނެވި އަރަބީން ދިރިއުޅެނީ މައިގަޑުގޮތެއްގައި ތިން ސަރަހައްދެއްގައެވެ. އެއީ އިޒްރޭލުގެ އުތުރާއި މެދުތެރެ އަދި ދެކުނުގައެވެ. އަރަބީންގެ ތެރެއިން ދެބައިކުޅަ އެއްބައި ދިރިއުޅެނީ އުތުރުގައެވެ.

އަރަބީންގެ އެންމެ ބޮޑު ސިޓީކަމަށްވާ އައްނާސިރާ އޮންނަނީވެސް އުތުރުގައެވެ. މިއީ އީސާގެފާނު އުޅުއްވި ސަހަރުކަމަށް ބުނެވެެއެވެ. ކްރިސްޓިއަނުންނަށް އަރަބީން ކިޔަނީ ނަސާރާއެވެ. އެނަން ނިސްބަތް ކުރެވޭ ރަށަކީވެސް މިރަށެވެ. އިޒްރޭލުގައި ދިރިއުޅޭ އަރަބީންގެ ތެރޭގައި މުސްލިމުން ފިޔަވައި ދެން އެންމެ ގިނައީ ނަސާރާއިންނެވެ. ކްރިސްޓިއަނުންނެވެ. އިޒްރޭލުގެ ސިޓިޒަންޝިޕް ލިބިފައިވާ އަރަބީންނަށް ޔަހޫދީންނާ އެއްވަރުގެ އިމްތިޔާޒުތަކާއި ހައްގުތައް ލިބިފައިވޭ ބާވައެވެ. ކަރުދާހުގައި އެންމެން އެއްވަރެވެ. އެކަމަކު ނިޒާމުގެ ތެރެއިން ތަފާތުކުރުންތައް ވަރަށް ބޮޑެވެ. އަރަބީންނަކީ އިޒްރޭލުގެ ދެވަނަ ދަރަޖައިގެ ރައްޔިތުންނެވެ. އެމީހުންނަށް ވޯޓުލެވެއެވެ. ކުރިމަތިލެވެއެވެ. ޕާޓީވެސް ހެދެއެވެ. އެކަމަކު ކުރެވޭ ކަންކަމަށްވުރެ ގިނައީ ނުކުރެވޭ ކަންކަމެވެ. އިޒްރޭލުގެ ސިފައިންގެ ތެރޭގައި ނޫޅެވެއެވެ. ބިން މިލްކުކުރުމުގައި ހުރަސްތައް ގިނައެވެ. އިމާރާތް ކުރުމުގެ ހުއްދަލިބުން ދައްޗެވެ. އަރަބީންގެ ރަށްރަށުގެ ތަރައްގީއަށް ފައިސާ ލިބުން ދައްޗެވެ. މަގާމަކަށްވާ ކަހަލަ މަގާމަކަށް އައުން ދައްޗެވެ.