ޚަބަރު

ބޫޓާނާއި ބްރެޒިލްގެ އާ ސަފީރުން، ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ބްރެޒިލް ސަރުކާރުންނާއި ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ދެ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

ބްރެޒިލުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ސާޖިއޫ ލުއިޒް ކަނާއިސް އެވެ. އަދި ބޫޓާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ރިންޗެން ކުއެންޓްސިލް އެވެ. އެ ދެ ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވާފައިވަނީ މިއަދު ރައީސް އޮފީހުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.

އެ ދެ ސަފީރުންނާ ވަކިވަކިން ބައްދަލުކުރައްވައި ދެ ބޭފުޅުންނަށް ރައީސް ސޯލިހު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި އެ ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ސަފީރުންނާވެސް ރައީސް ވާހަކަފުޅުދެއްކެވިއެވެ.

ބްރެޒިލްގެ އާ ސަފީރާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ރާއްޖެއާއި ބްރެޒިލްގެ ގުޅުމަށް މިއަހަރު 34 އަހަރު ފުރޭނެކަން ފާހަގަކުރައްވައިފައެވެ.

ރައީސް ސޯލިހު ވަނީ ރާއްޖޭގައި ނޫ އިގުތިސާދުގެ ދާއިރާއިން ބްރެޒިލާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ބްރެޒިލްގެ ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަމަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ވިޔަފާރިއާއި އިގުތިސާދާއި ފަތުރުވެރިކަމާއި މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

ބްރެޒިލްގެ ސަފީރު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބްރެޒިލަށް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ބްރެޒިލްގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މިމަހުގެ ފަހުކޮޅު ރާއްޖެއަށް އެކި ބަލިތަކާ ގުޅޭ 80,000 ޑޯޒް ވެކްސިން ހަދިޔާކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ރައީސް ވަނީ ބްރެޒިލްގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

ބޫޓާންގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބޫޓާނަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖެއާއި ބޫޓާނާ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގެ އިތުރުން، ސިއްހީ ދާއިރާއާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ ދެކުނު އޭޝިއާ ބައްރުގެ ސުލްހަ މަސަލަސްކަމާއި، ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

‎މި ބައްދަލުކުރެއްވުމުގައި، ބޫޓާންގެ ސަފީރު ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑު މެނޭޖުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި، ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުތަކުން އަރައިގަތުމުގައި ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކުރައްވައި ރައީސަށް ބޫޓާންގެ ސަފީރު ތައުރީފުކުރެއްވިއެވެ.