ޚަބަރު

ސަރުކާރުގެ އޮފީސްތަކަށް ހާއްސަކޮށްގެން ސްޓެލްކޯއިން އޮފީސް އިމާރާތެއް ހަދަނީ

އަލީ ޔާމިން

ސަރުކާރުގެ އޮފީސްތަކަށް ހާއްސަކޮށްގެން އޮފީސް އިމާރާތެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވިދާޅުވީ، ސްޓެލްކޯގެ ހިދުމަތްތައް އެހެން ދިމަދިމާއަށް ސަބްސިޑައިޒް ކުރެވުމުން ކަރަންޓުގެ އަގު ހެޔޮކުރެވިދާނެ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް، ސްޓެލްކޯގެ މެމޮރެންޑަމް އޮފް އާޓިކަލްސް ބަދަލުކޮށް، ކަރަންޓާއި ފެނާއި ނަރުދަމާއާ ކުނީގެ ހިދުމަތުގެ އިތުރުން އެހެން ބައެއް ހިދުމަތްތައް ދިނުމަށް އެކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އެކުންފުނިން ރިއަލް އެސްޓޭޓްގައި ހަރަކާތްތެރިވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރުގެ ގިނަ އޮފީސްތައް މިހާރުވެސް ހިންގަނީ އާއްމު ބައެއް ފަރާތްތަކުގެ ގެތަކުގައި ކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމަށް ސްޓެލްކޯއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ސަރުކާރުގެ ވަރަށް މުހިންމު އޮފީސްތައް އެބަހުރި އާއްމު ބައެއް ފަރާތްތަކުގެ ގޭގޭގައިވެސް. އަޅުގަނޑުމެން ސަރުކާރުގެ އެ އޮފީސްތަކަށް އަމާޒުކޮށް އަމިއްލަ އޮފީސް އިމާރާތެއް އެޅުމަށް އަޅުގަނޑުމެން އެބަ ހިޔާލުކުރަން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައި ސްޓެލްކޯއަށް ކަރަންޓުން ނޫން ގޮތްގޮތުން އާމްދަނީ ލިބޭނެ ކަމަށާއި ވިސްނުމަކީ ސްޓެލްކޯގެ ހިދުމަތް ފުޅާކުރުން ކަމަށެވެ.