ޚަބަރު

ގެދޮރުވެރިޔާގެ ލޯނުގެ ދަށުން 158 މީހަކަށް 84 މިލިއަން ރުފިޔާ ދޫކޮށްފި

މުހައްމަދު އިޝާން

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންޝަލް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން އަތޮޅު ތެރޭގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ތައާރަފުކޮށްފައިވާ "ގެދޮރުވެރިޔާ" ލޯނަށް އެދުނު 158 މީހަކަށް ޖުމުލަ 84,671,990 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެޗްޑީއެފްސީން ރޭ "ވަން" އަށް ދިން މައުލޫމާތުގައިވާ ގޮތުން 381 މީހަކު ވަނީ "ގެދޮރުވެރިޔާ" ލޯނަށް ހުށަހަޅައިފައެވެ. އެއީ ޖުމްލަ 236,650,822 މިލިއަން ރުފިޔާއެވެ.

"ގެދޮރުވެރިޔާ" ލޯން ސްކީމަށް އެންމެ ގިނައިން ހުށަހެޅުން ލިބެނީ ގއ. އަތޮޅުންނެވެ. ގއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ލޯނަށް އެދިފައިވަނީ ވިލިގިނލި މީހުންނެވެ.

އެޗްޑީއެފްސީން ދޫކުރާ "ގެދޮރުވެރިޔާ" ލޯން ސްކީމުގެ ދަށުން އެންމެ ގިނަވެގެން ދޫކުރެވޭނީ ހަތް ލައްކަ ރުފިޔާއެވެ. އެ ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރަންށާއި ހަދަން ފަށާފައި ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރުމަށެވެ.

"ގެދޮރުވެރިޔާ" ލޯނު 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5،907 ރުފިޔާއެވެ. 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,680 ރުފިޔާއެވެ. 17 އަހަރަށް ބަހާލުމުން މަހަކު 5,480 ރުފިޔާއެވެ. 18 އަހަރަށް ބަހާލުމުން މަހަކު 5,307 ރުފިޔާ ދައްކަން ޖެހޭއިރު 19 އަހަރަށް ބަހައިލުމުން ދައްކަން ޖެހޭނީ 5,153 ރުފިޔާއެވެ. އަދި 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭ ވަރަކީ 5,015 ރުފިޔާއެވެ.

"ގެދޮރުވެރިޔާ" ލޯނު ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެޗްޑީއެފްސީ އާއި ހައުސިން މިނިސްޓްރީ ގުޅިގެންނެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 6 ޕަސަންޓެވެ.