ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި މަހުގެ 9 އިން 11 އަށް މާލޭގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ޓީޓީ މުބާރާތް، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ހަ ގައުމެއްގެ ޖޫނިއާ 85 ކުޅުންތެރިޔަކު ވާދަކުރެއެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ މީގެ ކުރިންވެސް ރާއްޖޭގައި ބޭއްވި މުބާރާތެކެވެ. ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިން މެޑަލް ހޯދައިފައިވެސް ވާ މުބާރާތެކެވެ. މުބާރާތުގައި މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މުބާރާތުގެ ކެޑޭޓް ކެޓަގަރީން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދުމާއި، ޖޫނިއާ ބައިން އަންހެން ޓީމު ރިހި މެޑަލް ހޯދުމެވެ.

މިފަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވާ މުބާރާތަކީ މީގެ ކުރިން 2019 ވަނަ އަހަރު ބާއްވަން އޮތް މުބާރާތަކަށްވީ އިރު، މުބާރާތް ފަސްކުރީ ކޮވިޑް 19 އާ ގުޅިގެންނެވެ. އެ މުބާރާތް އަލުން ރާއްޖޭގައި ބާއްވަން ނިންމީ މިނިސްޓަރު އަހުމަދު މަހުލޫފުގެ އިސް ނެންގެވުމާއެކު ޓީޓީ އެސޯސިއޭޝަނުން މަސައްކަތްތަކެއް ކޮށްގެންނެވެ.

ދިރާގުގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ޓީޓީ އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި މި މުބާރާތުގެ ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ފަޚުރެއް ކަމަށެވެ. އަދި މުބާރަތުގައި ބައިވެރިވާ ދިވެހި ޓީމާއި މެދު ދިރާގުން ފަޚުރުވެރިވާ ކަމަށް ވިދާޅުވެ މިރުޝާން ވަނީ ޓީމަށް ހިތްވަރު ދެއްވައިފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ދިރާގަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ ރާއްޖޭގައި ޓީޓީ ކުރިއަރުވައި އެ ކުޅިވަރު ތަރައްގީކުރުމަށް ދިރާގުން އަބަދު ވެސް އެއްބާރުލުން ދޭ ކަމަށާއި އެ ކުޅިވަރު އިތުރު ހަރުފަތްތަކަށް ގެންދަން ކުރިއަށް އޮތްތަނުގައިވެސް ދިރާގާ ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދިރާގަކީ ޒުވާނުން ބާރުވެރިކޮށް ޒުވާނުންގެ ހުނަރާއި ގާބިލުކަން ކުރިއަރުވައި ޒުވާނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ.