އެމެރިކާގެ ފިރިހެނަކު އުމުރުން 101 އަހަރުގައި ހައިސްކޫލް ޑިޕްލޮމާ ހާސިލްކޮށްފިއެވެ. މެރިލް ޕިޓްމަން ކޫޕަރ އަކީ އާދައިގެ ދަރިވަރެެއް ނޫނެވެ. އޭނާ ޑިޕްލޮމާ ހާސިލް މިކުރީ ފަގީރު ހާލަތުގެ ސަބަބުން ކިޔެވުން މެދުކަނޑާލިތާ 80 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
އެމެރިކާގެ ވެސްޓް ވާރޖީނިއާގެ ކަޅު އާއިލާއަކަށް ނިސްބަތްވާ ކޫޕަރ އެންމެ ފުރަތަމަ ހައިސްކޫލް ނިންމަން އުޅުނީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެވެސް ކުރިން 1934 ގައެވެ. އެހެންނަމަވެސް މަންމަޔާއެކު އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ޖެހުމުން ހައިސްކޫލްގެ އެންމެފަހު އަހަރު ކިޔެވުން މެދުކަނޑައިލަން ޖެހުނީއެވެ. ކޫޕަރގެ މަންމަޔަކީ މުއްސަނދީންގެ ގޭގޭގައި ނޯކިރީކޮށްދީގެން އުޅުނު މެއިޑެކެވެ. ކޫޕަރގެ ކިޔެވުމަށް އޭރު ޚަރަދުކުރީ މަންމަޔަށް ލިބުނު ކުޑަކުޑަ ލާރިކޮޅުންނެވެ. އެދުވަސްވަރު ކޮލެޖުތަކާއި ސްކޫލްތަކުގައި ކަޅާއި ދޮން މަސްހުނިކުރުމެއް ނޯވެއެވެ. ކިޔަވަން ޖެހެނީ ވަކިންނެވެ.
ކޫޕަރ ކިޔެވި ސްކޫލްވެސް މިހާރުވަނީ ވުޖޫދުން ފޮހެވިފައެވެ. އެހެންނަމަވެސް އެ ސްކޫލުގައި އިހަށް އުޅުނު ދަރިވަރުންގެ ޖަމިއްޔާ އާއި އެ ސްކޫލް ނިސްބަތްވި ސަރަހައްދުގެ ކައުންސިލާއި ގުޅިގެން ކޫޕަރގެ ދަނބިދަރިފުޅު ވަނީ ހަމައެކަނި ކޫޕަރއަށްޓަކައި ޚާއްސަ ގްރެޖުއޭޝަން ހަފުލާއެއް ބާއްވައިފައެވެ. އެތަނަށް ދާން ޖެހެނީ ކީއްވެގެންކަން އެންމެ ފުރަތަމަ ކޫޕާރ އަކަށް ނުވެސް އެނގެއެވެ. އޭނާ ހީކުރީ އޭނާގެ ދިގު އުމުރުގެ ސިއްރާއިމެދު ކޮންމެވެސް އިންޓަރވިޔުއެއް ނަގަން ގެންދާ ގެންދިޔުމެއް ކަމުގައެވެ.
އެއީ ކޫޕަރގެ ގްރޭޖުއޭޝަން ހަފުލާކަމާއި އެންމެފަހުން އޭނާއަށް ޑިޕްލޮމާއެއް ލިބެނީކަން އެނގުމުން ކޫޕަރއަށް ލިބުނީ އާދަޔާ ޚިލާފު އުފަލެކެވެ. އޭނާ ދިޔައީ އެހެންވެސް ދަރިވަރުން ސެޓްފިކެޓް ހާސިލްކުރަންދާ ގޮތަށް އެކަހަލަ ތޮތްޕެއް އަޅައިގެން އެޒާތުގެ ގައުނެއްވެސް ލައިގެންނެވެ. ޑިޕްލޮމާ ހާސިލް ކުރުމަށްފަހު ކޫޕަރ ބުނެފައިވަނީ ކިޔެވުމަށް އުމުރެެއް އުމުރެއް ނޯންނަ ކަމަށާއި މަންމަގެ އުނގުން ފެށިގެން ކަށްވަޅާއި ހަމަޔަށްވެސް ކިޔަވަންވީ ކަމުގައެވެ. އޭނާގެ މުޅި އުމުރުގައިވެސް އެންމެ ބޭނުންވި ކަންތައް އުމުރުން ސަތޭކައަށްވުރެ މައްޗަށް ދިޔަފަހުން ހާސިލްކުރެވުނަސް ލިބުނު އުފާ ވަކި އުންޏެއް ނޫންކަމުގައެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު