ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން އެތަކެތި އަތުލައިގަނެފައިވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ކަސްޓަމްސް އިން އެ ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވުނު ތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (ކްރިސްޓަލް މެތް) އަށް ޕޮޒިޓްވެފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 1.1363 ކިލޯ ހުރި ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގު 500،000 (ފަސް ލައްކަ) ރުފިޔާއަށް އަރައެވެ.

މިދިޔަ މާޗް 14 ވަނަ ދުވަހުވެސް ކަސްޓަމްސް އިން ވަނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.115 ކިލޯގެ އެމްޑީއެމްއޭ އެކްސްޓަސީ އަތުލައިގެންފައެވެ. އެތަކެތީގެ މަގުމަތީ އަގު 3،000،000 (ތިން މިލިއަން) ރުފިޔާއަށް އަރައެވެ.