އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއީލަށް އަމާޒު ކުރައްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ދެއްކެވި ފުރައްސާރައިގެ ވާހަކަތައް ފައްޔާޒްގެ ކެމްޕެއިން ޓީމުން ކުށްވެރިކޮށްފިއެވެ.
ބޮންޑެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިލަވެ، ހަރުއަރާފައިވާ ޖިންސެއް ލައިގެން އަބަދު އުޅުމަކީ އަދި ގޭބިސީތަކަށް ވަނުމަކީ އެމްޑީޕީގެ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ސާފުތާހިރު ކަމުގެ ނަމޫނާ ދައްކަން ކޮންމެ މެންބަރަކުވެސް ބޭނުންވާނެ ކަމަށެވެ.
ބޮންޑެ މި ޓްވީޓް ކުރެއްވީ ފައްޔާޒް އިސްމާއީލް އެމްޑީޕީ މެންބަރަކާ ވާހަކަ ދައްކަވަން ހުންނެވި ފޮޓޯ އަކާ އެކުގައެވެ. ފައްޔާޒު، އެމްޑީޕީ މެމްބަރުންނާ ވާހަކަދައްކަވަން ހުންނަވަނިކޮށް ނަގާފައިވާ އެ ފޮޓޯގައި އޭނާ ހުންނެވީ ނޫކުލައިގެ ޖީންސެއް ލައިގެންނެވެ. ބޮންޑެގެ ފުރައްސާރައިގެ ބަސްތައް އަމާޒުކޮށްފައިވަނީ އެ ފޮޓޯގައި ފައްޔާޒް ލައިގެން ހުންނެވި ނޫކުލައިގެ ޖީންސް އަށެވެ. އަދި އެ ޓްވީޓްގައި އޭނާ ހުންނެވީ ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒް ފަހްމީ (އިންތި) އާއެކު ކަމަށް ރަޝީދު ވަނީ ވިދާޅުވެފައިވެއެވެ.
މި ޓްވީޓާ ގުޅިގެން ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވާދަވެރި ކެނޑިޑޭޓްގެ ޓީމުގެ މެމްބަރުން ފައްޔާޒަށް ފުރައްސާރަކުރުމުން ކުށްވެރި ކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި، ފައްޔާޒް ވާދަކުރައްވަނީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެ އިންތިހާބު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ދެ ކެނޑިޑޭޓުންގެވެސް ސަޕޯޓަރުންނާއި މެމްބަރުންގެ އިތުރުން އިސްކޮށް އުޅުއްވާ ފަރާތްތަކުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު