ރ. މަޑުއްވަރީގައި މިހާރު ކުރިއަށްދާ އެރަށުގެ އެންމެ ފޯރިގަދަ އަދި އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2022ގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް، އެފްސީ ޔުނައިޓެޑާއި ސްޕާޓަންސް އަދި ޓީމު ވާލުން ކާމިޔާބު ކޮށްފިއެވެ.
މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅެފައިވަނީ ގުރޫޕް އޭގެ މެޗަކާއި، ގުރޫޕް ބީގެ ދެމެޗެވެ. ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި އެފްސީ ޔުނައިޓެޑުން 6-3 ގެ ނަތީޖާއަކުން ނޮދާންސް ބަލިކޮށްފައިވާ އިރު، އެ ގްރޫޕުން އެފްސީ ޔުނައިޓެޑަށް ވަނީ ސެމީ ފައިނަލް ޔަގީން ވެފައެވެ. މިހާތަނަށް އެފްސީ ޔުނައިޓެޑާއި، ޕެންތާސްވެސް ގްރޫޕް އޭގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ އިރު، އެ ދެޓީމަށްވެސް ވަނީ ސެމީ ޔަގީން ވެފައެވެ.
އެ ގްރޫޕުގައި ދެން އޮތް ތިން ޓީމުގެ ތެރެއިން ނޮދާންސްއާއި އެފްސީ ވަން ރައުންޑަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ދެޓީމަށްވެސް ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އަދި ބަދަވިއަންސްއަށް ދެ މެޗު އޮތް އިރު، އެޓީމަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ރޭގެ މެޗުގައި އެފްސީ ޔުނައިޓެޑްގެ ގޯލުތައް އަލީ ހާފިޒް (ހާއްޕެ) އާއި އަހުމަދު އަތީފް، އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި)އާއި ޝަމްއޫން އިލިޔާސް އަދި ހަސަން ރިޒާން ޖަހައިދިން އިރު، ހާއްޕެ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ނޮދާންސްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު މޫސާ ނާޖިހު ޖެހި އިރު، އަނެއް ގޯލަކީ އެފްސީ ޔުނައިޓެޑް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރޭ ގްރޫޕް ބީގައި އެންމެފަހުގެ ޗެމްޕިއަން ޓީމު ވާލުން ވަނީ 2-1 އިން ހަސް އެފްސީ ބަލިކޮށްފައެވެ. ރޭގެ މެޗުން މޮޅުވެ ވާލުން ވަނީ ސެމީ ފައިނަލްގެ އުންމީދު އާކޮށްފައެވެ. ޓީމު ވާލު އަދި ހަސް އެފްސީންވެސް މިހާތަނަށް ގްރޫޕް ސްޓޭޖުގައި ތިން މެޗު ކުޅެފައިވާ އިރު، ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ދެޓީމަށްވެސް އަދި ބާކީ މެޗެއް އޮތް އިރު، ސެމީގެ އުންމީދު އެބައޮތެވެ.
ރޭގެ މެޗުގައި ޓީމު ވާލުގެ ދެ ގޯލު އަހުމަދު ނާހީ އާއި އިސްމާއީލް ޝަރީފް ޖަހައިދިން އިރު، ހަސް އެފްސީގެ ގޯލު ޖެހީ މުހައްމަދު އައްޒާމެވެ.
ރޭ އެ ގްރޫޕުގައި ސްޕާޓަންސްއިން ބީބީ ނިއު ޖެނެރޭޝަން ބަލިކުރީ 4-0 ގެ ނަތީޖައަކުންނެވެ. ސްޕާޓަންސްއިން މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ އިރު، ސެމީގެ ފުރުސަތު އެ ގްރޫޕުން އެންމެ ބޮޑީ ސްޕާޓަންސް އަށެވެ. ރޭގެ މެޗުގައި ސްޕާޓަންސްގެ ގޯލުތައް ޖަހައިދިނީ ބަދީއު މުހައްމަދާއި ރިލުވާން ނައީމެވެ. އޭގެން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ބްލޫޕްރިންޓްސް ހަބް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ ދިހަ ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. މިއީ މުބާރާތް ދިހަ ޓީމާއެކު ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.
މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް ވަނީ 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލުއެވެ. މިއަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.
20:30 ބަދަވިއަންސް - ޕެންތާސް އެސްސީ (ގްރޫޕް އޭ)
21:30 ކާޅު އެސްސީ - ބީބީ ނިއު ޖެނެރޭޝަން (ގްރޫޕް ބީ)
22:30 އެފްސީ ވަން ރައުންޑް - އެފްސީ ޔުނައިޓެޑް (ގްރޫޕް އޭ)
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ