މި ސީޒަންގެ ޗެމްޕިއަންސް ލީގުން ކެޓުމަކީވެސް ފެއިލިއާއެއް ކަން ގަބޫލު ނުކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީގައި ހަވަނަ ސީޒަން ހޭދަކުރަމުންދާ ކޯޗު ގާޑިއޯލާއަށް މިހާތަނަށް އެ ކްލަބާއެކު ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ގާޑިއޯލާއަށް ސިޓީއާއެކު ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ތިން ފަހަރަށް ލީގު ތަށި ކާމިޔާބުކުރުމެވެ. އެއީ ސިޓީގެ ވެރިންނަށް އެންމެ އެކަށޭނެ ކާމިޔާބީއެއް ކަމަށް ގަބޫލުކުރަން ދަތިވެފައިވާ އިރު، ބޮޑެތި ހަރަދުތައްކޮށް ސިޓީން އަބަދުވެސް ބޭނުންވަނީ ޔޫރަޕުގެ ތަށިކަން ކްލަބުން ތަކުރާރުކޮށް ވަނީ ބުނެފައެވެ.
ސިޓީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާ އެންމެ ގާތަށް ދެވިފައި ވަނީ މިދިޔަ އަހަރުއެވެ. އެ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީ ކުޅެފައިވާ އިރު، ޗެލްސީ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުން ސިޓީ ކެޓީ ހިތްދަތި ސެމީ ފައިނަލަކުންނެވެ. ފުރަތަމަ ލެގުން މޮޅުވެގެން ރެއާލް މެޑްރިޑް ދަނޑަށް ގޮސް، ސިޓީން 90 ވަނަ މިނެޓާ ހަމައަށް 1-0 ގެ ލީޑެއް ދެމެހެއްޓި ނަމަވެސް، ފުލުފުލުގައި ރެއާލުން ޖެހި ދެ ގޯލާއެކު ނަތީޖާ 2-1 އަށް ބަދަލުކޮށް، އެގްރިގޭޓް ނަތީޖާ ހަމަހަމަކުރިއެވެ.
ރެއާލުން ދެ ލެގުން މޮޅުވި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ.
"ޗެމްޕިއަންސް ލީގުން ކެޓުމަކީ ފެއިލިއާއެއް ކަމަށް މީހުން ސިފަކުރި ނަމަވެސް އެކަން ގަބޫލެއް ނުކުރަން. ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިންނަށްވެސް އެނގޭނެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ކިހާ ބޮޑު އަދި އުނދަގޫ މަސައްކަތެއްކަން. އަހަރެން ޖަދަލެއްވެސް ނުކުރަން އެކަމަކާ. ކުޅުންތެރިންވެސް އަހަރެންވެސް ދެން ކުރާނެ ކަމަކީ އަނެއްކާވެސް ތަށި ހޯދަން މަސައްކަތް ކުރުން،" އުމުރުން 51 އަހަރުގެ ކޯޗު ގާޑިއޯލާ ބުންޏެވެ.
ބަޔާން މިއުނިކަށްވެސް ކުރިން ކޯޗުކަން ކޮށްދިން ގާޑިއޯލާއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވަނީ ބާސެލޯނާއާއެކު އެކަންޏެވެ. އޭނާ ވަނީ ބާސާއާއެކު 2009 އަދި 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
"ކެޓުމުން ދެރަވޭ. ގަބޫލުކުރަން ޖެހެނީ މުބާރާތް ކާމިޔާބު ކުރުމާ ސިޓީން ވަރަށް ގާތަށް ދިޔަ ނަމަވެސް އަދި ފުރިހަމަ ނުވާ ކަންކަން އެބަހުރިކަން. ރެއާލަށް ހައްގު ފައިނަލް. ރެއާލްއާ ދެކޮޅަށް ސިޓީން ކުޅުނު ކުޅުމަކީވެސް ފަހުރުވެރިވާ ކުޅުމެއް. ލިވަޕޫލާއި ރެއާލަށްވެސް މަރުހަބާ ކިޔަން ބޭނުން. އެ ދެޓީމަށްވެސް ފައިނަލް ހައްގު. އަހަރެމެން އަނެއްކާވެސް އަންނަ ސީޒަނުގައި މަސައްކަތް ކުރާނަން ޔޫރަޕްގެ ތަށްޓަށް،" ގާޑިއޯލާ ބުންޏެވެ.
ސިޓީއަށް މިފަހަރުވެސް ޕްރިމިއާ ލީގު ނެގުމަށް ބޮޑު ފުރުސަތެއް އެބައޮތެވެ. ލިވަޕޫލުން ސިޓީއާއެކު ލީގަށް ވާދަކުރި ނަމަވެސް ބާކީ ހަތަރު މެޗަށްވެފައި އޮއްވައި ލީޑުގައި އޮތީ ސިޓީންނެވެ. ސިޓީ އެއްވަނައިގައި ދަމަހައްޓަމުން އަންނަނީ އެއް ޕޮއިންޓުގެ ލީޑެކެވެ. ބާކީ އޮތް ހަތަރު މެޗުން މޮޅުވެ، އަމިއްލަ ބާރުގައި ސިޓީއަށް ލީގު ޔަގީން ކުރެވެން އެބައޮތެވެ. ލީގު ނުލިބިއްޖެ ނަމަ، މި ސީޒަން ސިޓީއަށް ނިންމާލަން ޖެހޭނީ ތަށްޓަކާ ނުލައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު