ރ. މަޑުއްވަރީގައި މިހާރު ކުރިއަށްދާ އެރަށުގެ އެންމެ ފޯރިގަދަ އަދި އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2022ގެ ގުރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ހަސް އެފްސީއާއި ޕެންތާސް އަދި އެފްސީ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅެފައިވަނީ ގުރޫޕް އޭގެ ދެ މެޗާއި ގުރޫޕް ބީގެ މެޗެކެވެ.
ގުރޫޕް ބީގައި ރޭ ކުޅެފައިވަނީ ހަސް އެފްސީއާއި ކާޅު އެސްސީއާއި ވާދަކުރި މެޗެވެ. އެ މެޗު ހަސް އެފްސީން ކާމިޔާބު ކުރީ 4-2ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ހަސް އެފްސީއާއި ކާޅު އެސްސީންވެސް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗެވެ. ހަސް އެފްސީން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާ އިރު، ކާޅު އެސްސީން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.
ރޭގެ މެޗުގައި ހަސް އެފްސީގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް އަލީމާއި މުހައްމަދު އައްޒާމެވެ. މެޗުގައި އަލީމް ވަނީ ހެޓްރިކް ހަދައިފައެވެ. ކާޅު އެސްސީގެ ގޯލުތައް ޖަހައިދިނީ މޫސާ މުނީޒާއި އަހުމަދު ޝަމާލެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އަލީމެވެ.
ގުރޫޕް އޭގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ޕެންތާސްއިން އެފްސީ ވަން ރައުންޑް ބަލިކުރީ 5-4ގެ ނަތީޖާ އަކުންނެވެ. ޕެންތާސްއިން މިހާތަނަށް ކުޅެފައިވާ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާ އިރު، އަނެއް މެޗުން އޮތީ އެއްވަރު ވެފައެވެ. އެފްސީ ވަން ރައުންޑުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި އިރު، މޮޅުވީ އެއް މެޗުންނެވެ.
ރޭގެ މެޗުގައި ޕެންތާސްގެ މުހައްމަދު އިސާމް ހެޓްރިކް ހެދި އިރު، އަނެއް ދެ ގޯލު ޖެހީ މުހައްމަދު ޖުމާން އަހުމަދާއި ހަސަން ތަސްލީމެވެ. އަނެއްކޮޅުން އެފްސީ ވަން ރައުންޑުގެ އަބްދުﷲ ރިމާހްވެސް ހެޓްރިކް ހެދި އިރު، އަނެއް ގޯލު ޖެހީ މުހައްމަދު މައިލަމް އިބްރާހީމެވެ.
ގުރޫޕް އޭގައި ރޭ އެފްސީ ޔުނައިޓެޑުން ބަދަވިއަންސް ބަލިކުރީ 7-2ގެ ނަތީޖާއަކުންނެވެ. ބަދަވިއަންސް މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު، އެ ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.
އެފްސީ ޔުނައިޓެޑުން ރޭ ހޯދީ މުބާރާތުގެ ފުރަތަމަ މޮޅެވެ. އެފްސީ ޔުނައިޓެޑުގެ އަލީ ހާފިޒް (ހާއްޕެ) ރޭގެ މެޗުގައި ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު، އަލީ ނައިޝާން އިބްރާހީމް ވަނީ ދެ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން އެފްސީ ޔުނައިޓެޑްގެ އަނެއް ދެ ގޯލު ޖެހީ އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) އާއި ހަސަން ރިޒާނެވެ. ބަދަވިއަންސްގެ ދެ ގޯލު ޖެހީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ.
ބްލޫޕްރިންޓްސް ހަބް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ ދިހަ ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. މިއީ މުބާރާތް ދިހަ ޓީމާއެކު ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.
މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް ވަނީ 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލުއެވެ. މިއަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.
20:30 ބީބީ ނިއު ޖެނެރޭޝަން - ސްޕާޓާންސް (ގްރޫޕް ބީ)
21:30 އެފްސީ ޔުނައިޓެޑް - ނޮދާންސް (ގްރޫޕް އޭ)
22:30 ހަސް އެފްސީ - ޓީމު ވާލު (ގްރޫޕް ބީ)
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ