އޯލެވެލް އަދި އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން ވިލިމާލެ އިން މާލެއަށް އައުމަށް ހުކުރު ދުވަހު މެންދުރު ފެރީ ދަތުރެއް ކުރާ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ދުވަސްވަރާ ގުޅިގެން ވިލިމާލޭގައި ދިރިއުޅޭ ދަރިވަރުން އިމްތިހާނުގައި ބައިވެރިވުމަށް މާލެ ދަތުރުކުރުމުގެ ލުއި ފަސޭހައަށްޓަކައި ހުކުރު ދުވަހުގެ މެންދުރު 1:10 ގައި ފެރީއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި ފެރީ ދަތުރުތައް މާދާމާއިން ފެށިގެން އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހާ ހަމަޔަށް ބާއްވާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މިއަހަރު ބާއްވާ އޯލެވަލް އިމްތިހާން އިއްޔެ ވަނީ ފަށައިފައެވެ. މި އިމްތިހާންގައި 239 ސެންޓަރަކުން 5،939 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ހުކުރު ދުވަސްދުވަހުގެ މެންދުރުފަހު ވެސް އިމްތިހާނު ބާއްވާއިރު، ފެރީގެ ހިދުމަތް ނުލިބޭތީ ބައެއް ދަރިވަރުން އަބަދުވެސް ޝަކުވާ ކުރެއެވެ.
ހުކުރު ނަމާދަށް ފެރީގެ ހިދުމަތްތައް މެދުކަނޑާލުމަށްފަހު އަލުން ފެރީގެ ހިދުމަތްދޭން ފަށަނީ މެންދުރުފަހު 2:00ގައެވެ.