އއ. މަތިވެރި އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ)ގެ ފަރާތުން ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް، އަމްސާ ކަޕް މިއަހަރު މުބާރާތުގެ ޗެމްޕިއަންކަން އާރްބީޖީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މިއަހަރު މުބާރާތުގައި ނުވަ ޓީމަކުން ވާދަކޮށްފައިވާ އިރު، ގުރޫޕް ސްޓޭޖުގެ މެޗުތައް ދެ ދުވަހުން ނިންމާލައިފައިވެއެވެ. އިއްޔެ ކުޅެފައިވަނީ މުބާރާތުގެ ސެމީ ދެ މެޗާއި ފައިނަލް މެޗެވެ. ސެމީގެ ދެ މެޗު އިއްޔެ ހަވީރު ކުޅެފައިވާއިރު، ފުރަތަމަ ސެމީ ފައިނަލް މެޗުގައި ވާދަކުރީ މާންސްއާއި ރޯޔަލް ނައިޓްސް އެސްސީއެވެ. އެ މެޗުގައި މާންސްއިން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ.

މާންސްއަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.

ދެވަނަ ސެމީ ފައިނަލް ފެނުނީ އަދި މާބޮޑަށްވެސް ފޯރިގަދަ ކޮށެވެ. ޒެނިކް ސްޕޯޓްސް ކްލަބާއި އާރްބީޖީ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އާރްބީޖީ މެޗު ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޒެނިކްގެ ދެ ގޯލުވެސް ހުސައިން ސުހައިލް (ސޮކޭ) ޖެހި އިރު، އާރްބީޖީގެ ދެ ގޯލުވެސް ޖެހީ ހުސައިން ނަވާޒެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި މާންސްއާއި އާރްބީޖީ ވާދަކޮށް، އާރްބީޖީން މެޗު ކާމިޔާބުކުރީ 7-4ގެ ނަތީޖާއަކުންނެވެ. މެޗުގައި އާރްބީޖީގެ ނަވާޒާއި ރުހުސާން ޖަމީލު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މުހައްމަދު ސިރުހާން ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. މާންސްގެ ގޯލުތައް ޖަހައިދިނީ ގައިސާން އަބޫބަކުރު މާހިރާއި ހަމްދޫން އަހުމަދު އަދި އިސްމާއީލް ނަސީމް (ބޯވަ) އެވެ. ގައިސާން ވަނީ އެ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހަސްޓްލާސްގެ އަލީ އަލްސަން ހޮވުނު އިރު، މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔަކީ މާންސްގެ ގައިޝާނެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އާރްބީޖީގެ ސިރުހާނެވެ. ސިރުހާން ވަނީ މުބާރާތުގައި ފަސް ގޯލު ޖަހައި، ހަތަރު ގޯލަށް އެސިސްޓްކޮށްފައެވެ. ސިރުހާންއާއި އެއްވަރަށް ޒެނިކްގެ ސޮކޭއާއި އާރްބީޖީގެ ނަވާޒު ގޯލު ޖަހައިފައި އޮތުމުން މަގާމު ހޮވީ އެސިސްޓުގެ އަދަދަށް ބަލައިގެންނެވެ.

  • ޒައިދާން އަޙުމަދު (ކީޕަރ)/ އާރްކޭ
  • އަޙުނަފް ރަޝީދު/ މާންސް
  • އިބްރާހީމް ޝަނޫން/ ޒެނިކް ސްޕޯޓްސް ކްލަބު
  • މުޙައްމަދު އިޔާދު ޢަލީ/ އާރްކޭ
  • މުޙައްމަދު ޝިރުހާން/ އާރްބީޖީ

މުބާރާތުގެ ފެއާޕްލޭ ޓީމަކީ ހަސްލާސްއެވެ.

އަމްސާ ކަޕް ފުޓްސަލް މުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރު ކޮވިޑް-19ގެ ސަބަބުން މުބާރާތް ބާއްވާފައެއް ނުވެއެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްގެންދިޔައީ ހާއްސަ ހޭލުންތެރިކަމުގެ ކެމްޕޭނަކާވެސް އެކުގައެވެ. އެއީ ސިންގަލް ޔޫސް ޕްލާސްޓިކަށް ނޫނެކޭ ބުނުމަށް ހިންގޭ ހާއްސަ ކެމްޕޭނެކެވެ. އެގޮތުން އަމްސާ ކަޕްގައި މިފަހަރު ސިންގަލް ޔޫސްޑް ޕްލާސްޓިކުގެ ބާވާތްތައް ދަނޑުގައި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި އެފަދަ ބާވަތެއްގެ އެއްޗެއް ބޭނުންކޮށްފިނަމަ އެކަމަށް ޖޫރިމަނާވެސް ކުރާ ގޮތަށް ހަދާފައެވެ.

މިއަހަރުގެ އަމްސާ ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. އަދި މުބާރާތުގެ ޓްރެވެލިން ޕާޓްނަރަކީ ނެވި ސްޕީޑެވެ.