ރ. މަޑުއްވަރީގައި މިހާރު ކުރިއަށްދާ އެރަށުގެ އެންމެ ފޯރިގަދަ އަދި އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2022ގެ ގުރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ސްޕާޓަންސްއާއި ނޮދާންސް އަދި ހަސް އެފްސީ ކާމިޔާބުކޮށްފިއެވެ.

މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅެފައިވަނީ ގުރޫޕް އޭގެ މެޗަކާއި ގުރޫޕް ބީގެ ދެ މެޗެވެ. ރޭ ކުޅުނު ގުރޫޕް އޭގެ މެޗުގައި އެފްސީ ވަން ރައުންޑުގެ މައްޗަށް ނޮދާންސްއިން ކުރި ހޯދީ 7-3ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ މުބާރާތުގައި ދެޓީމުންވެސް ކުޅުނު ދެވަނަ މެޗެވެ. ރޭގެ މެޗަށް ނުކުތް އިރު، ވަން ރައުންޑުން އޮތީ އެޓީމުން ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައެވެ. ނޮދާންސް އޮތީ ފުރަތަމަ މޮޅު ހޯދަންޖެހިފައެވެ.

ނޮދާންސްއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އިސްމާއީލް ރަފްހާންއާއި ހަސަން ސާމިރު، އާދަމް މުޒުހިރުގެ އިތުރުން މޫސާ ނާޖިހު އަދި ހަސަން ރިޒާއެވެ. އޭގެ ތެރެއިން ރަފްހާނާއި މުޒުހިރު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނޮދާންސްގެ މުހައްމަދު މައީސް ޔޫސުފެވެ.

ރޭ ކުޅުނު ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ހަސް އެފްސީން ބީބީ ނިއު ޖެނެރޭޝަން ބަލިކުރީ 6-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ހަސް އެފްސީގެ މުހައްމަދު އައްޒާމް ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އެޓީމުގެ އަނެއް ދެ ގޯލު ޖެހީ އިބްރާހީމް އަލީމާއި އިބްރާހީމް ތަސްލީމެވެ. ބީބީ ނިއު ޖެނެރޭޝަންގެ ގޯލުތައް ޖެހީ އިބްރާހީމް މިދުހަތާއި އަލީ ޒާހިރެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އައްޒާމެވެ.

ރޭގެ މެޗަކީ ހަސް އެފްސީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ބީބީ ނިއު ޖެނެރޭޝަންއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް އޮތީ ބަލިވެފައެވެ.

ގުރޫޕް ބީން ސެމީގެ އުންމީދު އެންމެ ބޮޑުކޮށް އޮތީ ސްޕާޓަންސް އަށެވެ. އެޓީމުން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވި އިރު، ރޭ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ޓީމު ވާލު ބަލިކުރީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ސްޕާޓަންސްގެ ގޯލުތައް ޖެހީ ރިލުވާން ނައީމާއި އަހުމަދު ސަނާހްގެ އިތުރުން ހުސައިން ޝަރީފް (އޮންލީ) އެވެ. މެޗުގައި ރިލުވާނާއި ސަނާހު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ރިލުވާނެވެ.

ބްލޫޕްރިންޓްސް ހަބް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ ދިހަ ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. މިއީ މުބާރާތް ދިހަ ޓީމާއެކު ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް ވަނީ 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލުއެވެ. މިއަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.

20:30 އެފްސީ ޔުނައިޓެޑް - ބަދަވިއަންސް (ގްރޫޕް އޭ)

21:30 ހަސް އެފްސީ - ކާޅު އެފްސީ (ގްރޫޕް ބީ)

22:30 ޕެންތާސް އެސްސީ - އެފްސީ ވަން ރައުންޑް (ގްރޫޕް އޭ)