ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މިމަހުގެ މެދެކާ ހަމައަށް ވައިގަދަވެ، ކަނޑުވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ އާންމުކޮށް ފެށޭނީ މެއި މަހުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖޭގެ ދެކުނުން ކަމަށެވެ. އެގޮތުން މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އީދު ޗުއްޓީއަށް ރަށުން ބޭރަށް ދަތުރުކޮށްފައި ތިބި މީހުން ކަނޑުމަގުން އެނބުރި ރަށަށް ދަތުރުކުރާ ނަމަ، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން އެދެއެވެ.

"ބައެއް މީހުން ގުޅާފަ އެބަ ބުނޭ އެޕުން އެބަ ދައްކައޭ މިއަދު މިވެނި ހިސާބަކަށް ވައި މަޑޭ. ކަނޑު މަޑޭ. ނަމަވެސް އަޅުގަނޑުމެންނަށް ގުޅައިގެން ބަލައި ނޫނީ އަޅުގަނޑުމެން ދޭ އިރުޝާދުތަކަށް ބަލައިގެން ނޫނީ ދަތުރު ނުކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން. ކަނޑު މަޑުވާނީ މިމަހުގެ މެދެއްހާ ތަނުގައި،" އޮފިޝަލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔެލޯ އެލާޓު ނެރެފައިވާ ސަރަހައްދުތަކުން ދަތުރުކުރާއިރު، ވަރަށް ބޮޑަށް މެޓް އޮފީހުގެ އިރުޝާދުތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި ދަތުރުކުރާ ނަމަ ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރުކޮށް ލައިފް ޖެކެޓު ބޭނުން ކުރުމަށްވެސް އިލްތިމާސްކުރިއެވެ.