ކޮމަންވެލްތު އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިންތިހާބުގައި ޖެމެއިކާގެ ކެނޑިޑޭޓް ކަމީނާ ޖޯންސަން ސްމިތްއަށް ރާއްޖެއިން ތާއީދުކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެ އިންތިހާބު ބާއްވާނީ މިއަހަރުގެ ޖޫން މަހު ރުވާންޑާގެ ކިގަލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ.
ކަމީނާއަށް ރާއްޖެއިން ތާއީދުކުރާކަން ރައީސް ސޯލިހު ކަށަވަރުކޮށްދެއްވީ އިއްޔެ ޖެމެއިކާގެ ބޮޑުވަޒީރު، އެންޑްރޫ މައިކަލް ހޯލްނެސްއާ އެކު ފޯނުން ގުޅުއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކަމީނާއަކީ، އޭނާއަށް ލިބިވަޑައިގަންނަވާފައިވާ ގިނަ ތަޖުރިބާއަށް ބަލައި އިރު، އެންމެ އެކަށީގެންވާ ކެންޑިޑޭޓު ކަމަށެވެ. އަދި ކަމީނާއަށް ރާއްޖޭގެ ފުރިހަމަ ތާއީދުއޮތްކަން ހާމަކުރައްވަމުން އޭނާގެ ޒައާމަތުގައި ރާއްޖެއާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކޮމަންވެލްތުގައި ރަނގަޅަށް ތަމްސީލުކުރެވިގެންދާނެ ކަމުގައި ޔަގީންކުރައްވާކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހުއާއި އެންޑްރޫ މައިކަލް ވަނީ ދެ ގައުމުގެ ގުޅުމާބެހޭ ގޮތުންވެސް ވާހަކަފުޅުދައްކަވައިފައެވެ. އަދި އެންޑްރޫ މައިކަލް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވިއެވެ.
ކަމީނާއަކީ ޖެމެއިކާގެ ފުރަތަމަ އަންހެން ފޮރިން މިނިސްޓަރެވެ. އޭނާ ވަނީ ކެރީބިއަން ފޯރަމް (ކެރިފޯރަމް)ގެ ޗެއާޕާސަންގެ މަގާމާއި ކައުންސިލް އޮފް މިނިސްޓާސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ރައީސްގެ މަގާމާއި ކެރިކޮމް ކައުންސިލް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ރައީސްގެ މަގާމު އަދާކުރައްވައިފައެވެ.
މިހާރު ކަމީނާ އަދާކުރައްވަނީ ޖެނީވާގެ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ގުރޫޕުގެ ކޯޑިނޭޓަރުގެ މަގާމެވެ.
ޚަބަރު
ޚަބަރު
ޚަބަރު