ގއ. ވިލިނގިލީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލް މެނޭޖަރު ޝަރީފް އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ އެކްސިޑެންޓުގައި ދެ މީހުންނަށްވެސް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ބޮލަށްވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި އެހެންކަމުން ސީޓީ ސްކޭނެއް ހެދުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އާސަންދަ މެދުވެރިކޮށް ދެ މީހުން މާލެ ފޮނުވާލުމުގެ މަސައްކަތް މިކުރަނީ. ޗާޓަރު ފްލައިޓަކުން ގެންދަނީ. ފްލައިޓު ހަމަޖެއްސުނީ މިރެއަށް. އެއަށްވުރެ ކުރިން ހަމަޖެއްސުނަސް ފޮނުވާލާނަން. އަތާފަޔާއި އެހެން ގުނަވްނަތަކަށްވެސް އެބަހުރި އަނިޔާވެފަ. ބޯ ފަޅައިގެން ގޮސް ބޮލަށްވެސް އެކިވަރުގެ ގެއްލުންވެފަ އެބަހުރި. މިކޮޅުން ސީޓީ ސްކޭން ނުހެދޭ. އެހެންވެ މާލެ ފޮނުވާލަނީ،" ޝަރީފު ވިދާޅުވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ މަގުގެ ދެކޮޅުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ. އަނިޔާވެފައި ވަނީ ދެ ސައިކަލުގައި ތިބި 30 އަހަރުގެ މީހަކަށާއި 18 އަހަރުގެ މީހަކަށެވެ.