ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރި ނަމަވެސް ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މުސާރަ ބޮޑުނުކޮށްގެން ބައެއް ފަރާތްތަކުން ފާޑުކިޔަން ފަށައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ ބައެއް ލެކްޗަރާއިން ބުނީ، ޓީޗަރުންނަށް ކިޔަވައިދެނީ އެމީހުން ކަމަށާއި، ނަމަވެސް ޓީޗަރުންގެ މުސާރަ ބޮޑުކުރި އިރު ލެކްޗަރާއިންގެ މުސާރަ ބޮޑު ނުކުރުމަކީ މައްސަލައެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކީ މުޅި ތައުލީީމީ ދާއިރާގެ މުސާރަ ބޮޑުކުރުން ކަމަށްވެސް އެމީހުން ބުނެއެވެ.
އެގޮތުން ގައުމީ އުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ، ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މުސާރަ ބޮޑުކޮށްދޭން އެދި ލެކްޗަރާއިން، ވެރިންނަށް ދަންނަވާތާ ދިހަ އަހަރުވެފައިވާ ކަމަށެވެ.
އަމިއްލަ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ މުސާރައާ ނުކުޅެވުނު ނަމަވެސް ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީއަކީ ދައުލަތުުގެ ދެ މުއައްސަސާ ކަމަށާއި، އެއީ ތައުލީމީ ދާއިރާގެ ދެ މުއައްސަސާ ކަމަށްވާ އިރު އެތަންތަނުގެ ލެކްޗަރާއިންނަކީ އެދުރުންގެ އެދުރުން ކަމަށެވެ. އަދި ޓީޗަރުން އުފައްދަނީ އެތަންތަނުން ކަމަށާއި އެހެންކަމުން މުސާރަ ބޮޑުކުރުމުގެ ބައިން ލެކްޗަރާއިން ބާކީކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް، އެކަމާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގައުމީ ތަރައްގީއަށްޓަކައި، ޓީޗަރުންނެކޭ އެއްފަދައިން ޓީޗަރުން ތަމްރީނުކުރާ މީހުންގެ ދައުރު ބޮޑުވާނެކަން ސިކުނޑި ހަމަޖެހޭ ކޮންމެ މީހަކަށް އެނގޭނެ ކަމަށެވެ. ޓީޗަރުންގެ މުސާރަ ބޮޑުކުރި އިރު، ލެކްޗަރާއިން ބާކީކޮށްލުމަކީ ދެރަކަމެއް ކަމަށާއި، މުދައްރިސުންގެ މުސާރައާއެކު ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަންޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މިމަހުގެ އެކަކުން ފެށިގެން ޕްރިންސިޕަލުންނާއި މުދައްރިސުންގެ މުސާރަ އާއި އެލަވަންސްތައް ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.
އެގޮތުން ޕްރިންސިޕަލުންގެ މުސާރަ 82 ޕަސެންޓާ ހަމައަށް ބޮޑުކޮށް، އެންމެ ކުޑަކޮށްވެސް 30،000 ރުފިޔާގެ މުސާރައެއް ލިބޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ޓީޗަރުންގެ މުސާރަ 50 ޕަސެންޓާ ހަމައަށް ބޮޑުކޮށް، އެވްރެޖް މުސާރަ 20،000 ރުފިޔާ އިން މައްޗަށް ވަނީ ބޮޑުކޮށްފައެވެ.
އޭގެ އިތުރުން ލީޑިން ޓީޗަރުންގެ އެލަވަންސް 2،000 ރުފިޔާއަށް ބޮޑުކޮށް، ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ އަދަދަށް ބަލައި ޕްރިންސިޕަލުންގެ މުސާރަ އިތުރުކުރެވޭނެ އުސޫލެއްވެސް ވަނީ ގާއިމުކޮށްފައެވެ.
ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާ ގުޅިގެން ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެއީ މުސާރައިގެ އާ އޮނިގަނޑަށް ބަދަލުވުމުގެ ގޮތުން ފުރަތަމަ ގެނައި ބަދަލު ކަމަށެވެ. ހަމަ އެގޮތަށް އެހެން ދާއިރާތަކަށްވެސް އެ ބަދަލު އަންނާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު