އއ. މަތިވެރި އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ)ގެ ފަރާތުން ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް، އަމްސާ ކަޕް މިއަހަރު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ޓީމުތައް ކަށަވަރުވެއްޖެއެވެ.
މިއަހަރު މުބާރާތުގައި ނުވަ ޓީމަކުން ވާދަކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ދެ ދުވަހުން ނިންމާލައިފައިވެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު އަށް މެޗު އިއްޔެއާއި ރޭ ކުޅެފައިވާ އިރު، ސެމީގެ ޖާގަތައް ގްރޫޕް އޭ އިން ހޯދީ މާންސްއާއި އާރްބީޖީ އެސްސީއެވެ. އެ ގްރޫޕުގެ އެއްވަނަ މާންސްއިން ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރުވެގެންނެވެ. އާރްބީޖީއަށް ދެވަނަ ލިބިފައިވަނީ ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް ދެ މެޗު އެއްވަރުކޮށްގެންނެވެ.
ގްރޫޕް އޭގައި ރޭ މާންސްއާއި އާރްބީޖީ ކުޅުނު މެޗު 2-2 އިން އެއްވަރުވެގެން ނިމުނު އިރު، އެ ގްރޫޕުގައި ދެން ކުޅުނު އަނެއް މެޗުގައި ސިލްވާ ސްޕޮޓުން ވަނީ 4-2 އިން ޔަންގް ޕްލޭޔާސް އެސްސީ ބަލިކޮށްފައެވެ. މާންސްއާއި އާރްބީޖީ ވާދަކުރި މެޗުގައި މާންސްގެ ގޯލުތައް މުނީޒް ދާއޫދާއި އަހުނަފު ރަޝީދު (އަހުއްކޮ) ޖަހައިދިން އިރު، އާރްބީޖީގެ ގޯލުތައް ޖެހީ އަލީ ޝަނީޒާއި މުހައްމަދު ސިރުހާނެވެ.
ސިލްވާ ސްޕޮޓުން ޔަންގް ޕްލޭޔާސް ބަލިކުރި މެޗުގައި ސިލްވާ ސްޕޮޓްގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އިމްރާން (ކުޑަ އިންމަ)ގެ އިތުރުން އާދަމް އިމްރާނާއި އަދުނާން ހަސެއިނެވެ. އާދަމް އިމްރާން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އަނެއްކޮޅުން ގޯލުތައް ޖަހައިދިނީ ހުސައިން ޒަޔާނާއި އަލީ ޝާހެވެ.
އިއްޔެ ވަނީ މުބާރާތުގެ ގްރޫޕް ބީގެ ހަ މެޗު ކުޅެފައެވެ. އެ މެޗުތަކަށްފަހު ގްރޫޕް ބީގެ އެއްވަނަ ޒެނިކް ސްޕޯޓްސް ކްލަބުން ހޯދީ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެގެންނެވެ. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިވީ އެންމެ މެޗަކުންނެވެ. ގްރޫޕް ބީގެ ދެވަނަ މަގާމު ރޯޔަލް ނައިޓްސް އެސްސީ ހޯދީ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. ރޯޔަލް ނައިޓްސް ވަނީ ގްރޫޕް ސްޓޭޖުގައި އަނެއް ދެ މެޗުން އެއްވަރުވެފައެވެ. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިވެފައެއް ނުވެއެވެ.
އިއްޔެ ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުތަކަށް ބަލާ އިރު، ޒެނިކް ސްޕޯޓްސް ކްލަބުން ވަނީ 5-1 އިން ސިސް ޓޫރިސްޓް ވިލާ ބަލިކޮށްފައެވެ. އަދި މާލޭގެ ލެގޫންސް ސްޕޯޓްސް ކްލަބުން ރޯޔަލް ނައިޓްސް އެސްސީއާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޒެނިކް ސްޕޯޓްސް ކްލަބުގެ ގޯލުތައް ސިސް ޓޫރިސްޓް ވިލާ ކޮޅަށް ޖެހީ ތޯއިފް ގާސިމާއި ހުސައިން ސުހައިލް (ސޮކޭ)ގެ އިތުރުން އިބްރާހީމް ސަނޫނެވެ. ސޮކޭއާއި ސަނޫން ވަނީ މެޗުގައި ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ސިސް ޓޫރިސްޓް ވިލާގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް އަސްރަފެވެ.
ރޯޔަލް ނައިޓްސްއާއި ލެގޫންސް ކުޅުނު މެޗުގައި ލެގޫންސްގެ ދެ ގޯލުވެސް ޖެހީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. ރޯޔަލް ނައިޓްސްގެ ގޯލުތައް ޖެހީ މުހައްމަދު އިޔާދު އަލީއާއި މުހައްމަދު އަރީޝްއެވެ.
ލެގޫންސްއިން ރޭ ކުޅުނު މެޗުގައި 6-1 އިން ސިސް ޓޫރިސްޓް ވިލާ ބަލިކުރި އިރު، ރޯޔަލް ނައިޓްސްއިން ވަނީ ރޭގެ މެޗުގައި ހަސްލާސް އެފްޓީއާ 1-1 އިން އެއްވަރުކޮށްފައެވެ. އެ ގްރޫޕުގެ ފަހު ދެ މެޗުވެސް ރޭ ކުޅެފައިވާ އިރު، ހަސްލާސް އިން ވަނީ 1-0 އިން ސިސް ޓޫރިސްޓް ވިލާ ބަލިކޮށްފައެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ޒެނިކް ސްޕޯޓްސް ކްލަބުން ލެގޫންސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ލެގޫންސްއިން ސިސް ޓޫރިސްޓް ވިލާ ކައިރީ މޮޅުވި މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ އަހުމަދު ރަޝީދު (އަންމަޑޭ) އާއި އަޑުބަރޭގެ އިތުރުން ހުސައިން ޝާވިންއެވެ. މެޗުގައި އަންމަޑޭ ހެޓްރިކް ހެދި އިރު، ޝާވިން ވަނީ ދެ ގޯލު ޖަހައިފައެވެ. ސިސް ޓޫރިސްޓް ވިލާގެ ހަމައެކަނި ގޯލު ޖެހީ ހުސައިން އިމްރާނެވެ.
ހަސްލާސްއިން ރޯޔަލް ނައިޓްސްއާ ވާދަކުރި މެޗުގައި ރޯޔަލް ނައިޓްގެ ގޯލު މުހައްމަދު ޝަފްރާޒް ޖެހި އިރު، ހަސްލާސްގެ ގޯލު ޖެހީ އަލީ އަލްސަންއެވެ. ހަސްލާސްއިން ރޭ ސިސް ޓޫރިސްޓް ވިލާ ބަލިކުރި މެޗުގެވެސް ހަމައެކަނި ގޯލު ޖެހީ އަލްސަންއެވެ. ގްރޫޕް ބީގެ ފަހު މެޗުގައި ޒެނިކް ސްޕޯޓްސް ކްލަބުން ލެގޫންސް ބަލިކުރީ ސޮކޭގެ ގޯލުންނެވެ.
އަމްސާ ކަޕް ފުޓްސަލް މުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. ވޭތުވެދިޔަ ދެއަހަރު ކޮވިޑު-19ގެ ސަބަބުން މުބާރާތް ބޭއްވިފައި ނުވި ނަމަވެސް، މިފަހަރު އަނެއްކާވެސް ފޯރިއާއެކު މުބާރާތް ކުރިއަށް ގެންދަން އަމްސާ އިން ވަނީ ތައްޔާރުވެފައެވެ.
މިއަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ހާއްސަ ހޭލުންތެރިކަމުގެ ކެމްޕޭނަކާވެސް އެކުގައެވެ. އެއީ ސިންގަލް ޔޫސް ޕްލާސްޓިކަށް ނޫނެކޭ ބުނުމަށް ހިންގޭ ހާއްސަ ކެމްޕޭނެކެވެ. އެ ކެމްޕޭނާ ގުޅޭގޮތުން އަމްސާގެ ރައީސް އަލީ ރަމީޒު "ވަން"އަށް ވިދާޅުވީ ސިންގަލް ޔޫސްޑް ޕްލާސްޓިކާ ދެކޮޅަށް މުބާރާތުގައި ހާއްސަ ކެމްޕޭނެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށާއި، އަމްސާ ކަޕްގައި މިފަހަރު ސިންގަލް ޔޫސްޑް ޕްލާސްޓިކުގެ ބާވާތްތައް ދަނޑުގައި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ ބާވަތެއްގެ އެއްޗެއް ބޭނުންކޮށްފިނަމަ އެކަމަށް ޖޫރިމަނާ ވެސް ކުރެވޭނެ ކަމަށާއި، ކެމްޕޭނުގެ ބޭނުމަކީ ކުޅިވަރުގެ ތެރެއިން ތިމާވެއްޓަށް ގެއްލުން ލިބޭ ތަކެތި ބޭނުންކުރުން ހުއްޓުވުން ކަމަށްވެސް އަލީ ރަމީޒް ވިދާޅުވިއެވެ.
މިއަހަރުގެ އަމްސާ ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. އަދި މުބާރާތުގެ ޓްރެވެލިން ޕާޓްނަރަކީ ނެވި ސްޕީޑެވެ.
16:15 މާންސް - ރޯޔަލް ނައިޓްސް އެސްސީ
17:15 ޒެނިކް ސްޕޯޓްސް ކްލަބު - އާރްބީޖީ އެސްސީ
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. އެ މެޗުގައި ވާދަކުރާނީ ސެމީ ފައިނަލު މެޗުތަކުން މޮޅުވާ ދެ ޓީމެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް