ރ. މަޑުއްވަރީގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ، އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2022 ގެ ގްރޫޕް ސްޓޭޖުގައި ޕެންތާސް އެސްސީން ކުޅުނު ދެވަނަ މެޗުގައި އެފްސީ ޔުނައިޓެޑާ އެއްވަރުވި އިރު، އެފްސީ ވަން ރައުންޑާއި ސްޕާޓަންސް އެސްސީންވެސް ފެށުން ރަނގަޅުކޮށްފިއެވެ.

މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅެފައިވަނީ ގްރޫޕް އޭގެ ދެ މެޗަކާއި ގްރޫޕް ބީގެ މެޗެކެވެ. ރޭގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެފްސީ ވަން ރައުންޑުން ބަދަވިއަންސްގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ އެ މެޗަކީ އެ ދެޓީމުންވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި އެފްސީ ވަން ރައުންޑުގެ ހަނޫން މޫސާ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު، އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ އަބްދުﷲ ރިމާހެވެ. އަނެއްކޮޅުން ބަދަވިއަންސްގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ.

ގްރޫޕް އޭގައި ރޭ ކުޅުނު އަނެއް މެޗުގައި ޕެންތާސްއިން އެފްސީ ޔުނައިޓެޑާ އެއްވަރުވީ 5-5 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ޕެންތާސްއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗެވެ. ރޭގެ މެޗަށް ޕެންތާސްއިން ނުކުތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނިދާންސް ކައިރީ މޮޅުވެފައި އޮވެގެންނެވެ.

ރޭގެ މެޗުގައި ޕެންތާސްގެ ގޯލުތައް ޖަހައިދިނީ ހަސަން ތަސްލީމާއި މުހައްމަދު ނާއިފެވެ. ތަސްލީމު ވަނީ މެޗުގައި ހަތަރު ގޯލު ޖަހައިފައެވެ. އެ ހަތަރު ގޯލާއެކު މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. އަނެއްކޮޅުން އެފްސީ ޔުނައިޓެޑުގެ އަލީ ހާފިޒް (ހާއްޕެ) ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ އިތުރުން އެފްސީ ޔުނައިޓެޑުގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) އާއި ހަސަން ރިޒާނެވެ.

ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ސްޕާޓަންސްއިން ކާޅު އެސްސީ ކައިރީ ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ދެޓީމުންވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި ސްޕާޓަންސްގެ ގޯލުތައް އަހުމަދު ސަނާހާއި އާދަމް ހަފީޒު ކާމިޔާބުކޮށްދިން އިރު، މޮޅަށް ކުޅެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕާޓަންސްގެ ހުސައިން ޝަރީފް (އޮންލީ) އެވެ. ސްޕާޓަންސް ޓީމުގައި އަޔާޒް އަހުމަދު (އަޔާ) ހިމެނުނު ނަމަވެސް ރޭގެ މެޗުގައި އަޔާ ކުޅެފައެއް ނުވެއެވެ.

ކާޅު އެސްސީގެ ހަމައެކަނި ގޯލު މެޗުގައި ޖަހައިދިނީ އަހުމަދު ރައުސީން ރަމްޒީއެވެ.

ބްލޫޕްރިންޓްސް ހަބް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ ދިހަ ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. މިއީ މުބާރާތް ދިހަ ޓީމާއެކު ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދީފައިވެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް މިފަހަރު ވަނީ 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލުއެވެ. މިއަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.

20:30 ބީބީ ނިއު ޖެނެރޭޝަން - ހަސް އެފްސީ (ގްރޫޕް ބީ)

21:30 އެފްސީ ވަން ރައުންޑް - ނޮދާންސް (ގްރޫޕް އޭ)

22:30 ސްޕާޓަންސް - ޓީމު ވާލު (ގްރޫޕް ބީ)