ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައިވެސް ވިލަރެއާލް ބަލިކޮށް، ލިވަޕޫލުން ދިހަވަނަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ސްޕެއިންގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލިވަޕޫލަށް ވަނީ އެގްރިގޭޓް 5-2 ގެ ނަތީޖާއަކުން ކުރި ލިބިފައެވެ. މިއަހަރު ޕެރިސްގައި އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެގެންދާނީ ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ތާރީހުގައި ކުޅޭ ދިހަވަނަ ފައިނަލަށެވެ. މީގެ ކުރިން ހަ ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައި އޮތް ލިވަޕޫލުން މީގެ ކުރިން ކުޅުނު ނުވަ ފައިނަލްގެ ތެރެއިން ބަލިވި ފައިނަލްތަކަކީ 1985ގެ ފައިނަލާއި 2007 އަދި 2018 ވަނަ އަހަރުގެ ފައިނަލެވެ.
މިރޭގެ މެޗަށް ލިވަޕޫލުން ނުކުތީ އުންމީދު ބޮޑުކޮށް ނަމަވެސް ވިލަރެއާލުން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފައިނަލަށް ބުރަކޮށް މަސައްކަތް ކުރިއެވެ. 50،000 މީހުންގެ އާބާދީއެއް އޮންނަ ސަަރަހައްދަކަށް ނިސްބަތްވާ ވިލަރެއާލްގެ ދަނޑު މެޗުގައި ދިޔައީ ގުގުމަމުންނެވެ. ސަޕޯޓަރުންގެ ހިތްވަރާއެކު މެޗުގެ ކުރީކޮޅުގައި ވިލަރެއާލް ލީޑުވެސް ނެގިއެވެ. ތިންވަނަ މިނެޓުގައި ވިލަރެއާލްއަށް ލީޑު ނަގައިދިނީ ބޫލާޔޭ ޑިއާއެވެ. މިރޭގެ މެޗަށް ޑިޔާ ނުކުތީ އެޓީމުގެ ނެދަލޭންޑްސް ތަރި އަރްނައުޓް ޑަންޖޫމާ އަނިޔާގައި ހުރުމުންނެވެ.
ވިލަރެއާލުން ވަރުގަދަކޮށް ފަށައި، ފުރަތަމަ ހާފުގައި ރަނގަޅު ޓެމްޕޯއެއްގައި ކުޅުނެވެ. ލިވަޕޫލްގެ އެޓޭކް ލައިނުން ކުޅުނު މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ޑިއޭގޯ ޖޮޓާ ހިފަހައްޓަން ވިލަރެއާލްގެ ޑިފެންސް ރަނގަޅު މަސައްކަތްތަކެއް ކުރި އިރު، ފުރަތަމަ ހާފުގައި ހަމަލާތައް ގިނަކޮށްވެސް ފެނުނީ ވިލަރެއާލްއެވެ. ޖެރާޑް މޮރޭނޯއާއި ޖިއޮވާނީ ލޮސެލްސޯ ނުރައްކާކޮށް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓު ކޮޅަކަށް ވެފައި ވަނިކޮށް ވިލަރެއާލުން ނަތީޖާ ހަމަހަމަ ކުރިއެވެ. އަރިމަތިން އެޓިއޭން ކަޕޯ ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލީ ކުރިން އާސެނަލަށް ކުޅުނު ފްރާންސިސް ކޮކުލިންއެވެ.
ދެ ގޯލު ޖަހައި، އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްގެން ވިލަރެއާލުން ހާފު ނިންމާލީ ހުވަފެނީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގެ ބޮޑު އުންމީދެއްގައެވެ. އެހެން ނަމަވެސް ދެވަނަ ހާފަށް ނުކުތް ލިވަޕޫލް ތަފާތު ދެއްކިއެވެ. ކޯޗު ޔާގަން ކްލޮޕް ދެވަނަ ހާފަށް ޖޮޓާގެ ބަދަލުގައި ލުއިސް ޑިއާޒް ނެރުނެވެ. އެ ބަދަލުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ.
ޑިއާޒްގެ ނުރައްކާ އަރިމަތިން ތަކުރާރުކޮށް ފެނުނެވެ. ނަތީޖާ އަނބުރާލަން އެންމެ މުހިއްމު ރޯލެއް ކުޅުނީވެސް ޑިއާޒެވެ. ލިވަޕޫލުން މެޗުގައި ޖެހި ފުރަތަމަ ގޯލު، މެޗުގެ 62 ވަނަ މިނެޓުގައި ޖެހީ ފަބީނިއޯއެވެ. އަރިމަތިން ވަދެ ފަބީނިއޯ ޖެހި ބޯޅަ ގޯލަށް ވަނީ ވިލަރެއާލްގެ ގޯލްކީޕަރު ޖެރޮމީނޯ ރުލީ ދެފައި ދޭތެރެއިންނެވެ.
އޭގެ ފަސް ވަރަކަށް މިނެޓް ފަހުން އެލެކްސެންޑްރާ އާނޯލްޑް ނަގައިދިން ހުރަހަކުން ޑިއާޒް ޖެހި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. އެގްރިގޭޓް ނަތީޖާއިން ލިވަޕޫލް ކުރިއަށް ޖެހިލުމާއެކު ވިލަރެއާލް ސަޕޯޓަރުންނަށް މާޔޫސްކަންވެރިވެ، އަޑު އެއްކޮށް ކެނޑިގެން ދިޔައެވެ. ސަޕޯޓަރުންގެ އުންމީދުތައް އެކުގައި ފަނޑުވެގެން ދިޔައީ މެޗުގެ 74 ވަނަ މިނެޓުގައި ނަބީ ކެއިޓާގެ ބޯޅައަކަށް ކުރިއަށް ދުވެ، ގޯލްކީޕަރު ކައިރިންވެސް ނައްޓާލައި މާނޭ ޖެހި ތިންވަނަ ގޯލާއެކުގައެވެ.
މެޗުގެ 86 ވަނަ މިނެޓުގައި ކަޕޫއަށް ރަތް ކާޑު ދެއްކުމުން ވިލަރެއާލް މެޗު ނިންމާލީ ކުޅުންތެރިޔަކުވެސް މަދުކޮށެވެ.
ލިވަޕޫލާ ދެކޮޅަށް މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެން ޖެހޭ ޓީމު އެނގޭނީ މާދަމާ ރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ވާދަކުރާ ސެމީ ފައިނަލް ދެވަނަ ލެގަށް ފަހުގައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު