ފުވައްމުލައް ސިޓީ

މަންމައާއި ކޮއްކޮގެ މަރަށްފަހު ދެން އިވުނީ ފިރިމީހާ މާކަނޑަށް ގެއްލުނު ހަބަރު!

މުހައްމަދު އިޝާން

ފުވައްމުލަކު ސިޓީގެ އެންމެ މޮޅު އެއް ޑްރައިވަރު މުހައްމަދު ސައީދު (ސައިއްޓޭ) ގެއްލުނު ހަބަރު ވެގެންދިޔައީ އެ ސިޓީއަށް އިއްޔެ ގެނުވި ކުއްލި ސިހުމަކަށެވެ. އެންމެންނާ ވެސް އެކުވެރި ސައީދުގެ އެކުވެރިންގެ އިތުރުން އާއިލާއަށް ވެސް އެ ހަބަރާއެކު ބޮޑު އަސަރެއް ކުރުވިއެވެ.

އެ ހަބަރުން އެންމެ ބޮޑު އަސަރެއް ކުރި އެކަކީ ސައީދުގެ އަނބިމީހާ، ދ. މީދުއަށް އުފަން އާމިނަތު އިސްމާއީލް (އައިންތު) އެވެ. އައިންތު ވަނީ އޭނާއަށް ލިބުނު ހިތާމައާއި ފިރިމީހާ ދެކެވާ ލޯބި އޭނާގެ ފޭސްބުކުގައި ހިއްސާކޮށްފައެވެ.

އެ ޕޯސްޓުގައި އައިންތު ބުނެފައިވާ ގޮތުގައި އެންމެ ލޯބިވަނީ އަދި ހުރިހާ އުންމީދަކާއި ހިނިތުންވުމަކީ ވެސް އޭނާގެ ފިރިމީހާ ސައީދެވެ. އޭނާގެ އެ ޕޯސްޓު ނިންމާލާފައިވަނީ ފިރިމީހާ ހެޔޮ ހާލުގައި ފެނުމުގެ ނަސީބު ދެއްވުމަށް އެދި ހުރިހާ މީހުންގެ ކިބައިން ދުއާކުރުމަށް އެދިއެވެ.

"އައިންތު އެންމެ ލޯބިވާ، އައިންތުގެ ފުރާނަ، އައިންތުގެ ހުރިހާވެސް އުންމީދު، އައިންތުގެ ހިނިތުންވުން، އައިންތުގެ ހިތްހަމަޖެހުން، އައިންތު ދުނިޔޭގެ މިއޮތްހާ ދުވަހު ސަލާމަތުން ހުރުމުގެ ސަބަބު، އައިންތުގެ ފުރާނަ ފަދަ ލޯބިވާ ފިރިމީހާ ހެޔޮ ހާލުގައި ފެނުމުގެ ނަސީބު ލެއްވުމަށް އެދި ދުއާކޮށްދީ" އައިންތު އޭނާގެ ހިތުގެ ޝުއޫރުތައް ހިއްސާކުރުމަށް ކުރި ޕޯސްޓުގައި ބުންޏެވެ.

މަންމައާއި ކޮއްކޮގެ މަރަށްފަހު އިތުރު ހިތާމައެއް، އުންމީދަކީ ހެޔޮ ހާލުގައި ފިރިމީހާ ފެނުން!

ކޮންމެ މީހަކަށް ވެސް ލޯބިވާ މީހެއްގެ ހަބަރެއް ނުވެ ފާއިތުވާ ކޮންމެ ދުވަހަކީ ފުން އަސަރުތަކެއް ކުރުވާނެ ދުވަހެއްކަން ޔަގީނެވެ. މީގެ ކުރިން ވެސް އައިންތު ވަނީ ހަޔާތުގައި އުނދަގޫ ދުވަސްތަކަކާ ކުރިމަތިލައިފައެވެ. އެ ވޭނީ އިހުސާސްތަކަށް މާގިނަ ދުވަސްތަކެއް ނުވަނީސް ކުރިމަތިލާން ޖެހުނީ ފިރިމީހާ މާ ކަނޑުގެ ތެރެއަށް ގެއްލިގެން އުޅޭ ހިތާމަވެރި ހަބަރާއެވެ.

ފިރިމީހާ ގެއްލުމުން ހިތުގައި އުފެދުނު ވޭނީ ޝުއޫރު ބޭރުކުރުމަށްފަހު އޭގެ ގަޑިއިރުތަކެއް ފަހުން އައިންތު ވަނީ ހަޔާތުގެ ހިތްދަތި ދުވަސްތަކުގެ ވާހަކަތައް ފޭސްބުކުގައި ހިއްސާކޮށްފައެވެ. އެ ޕޯސްޓު އެންމެ ފުރަތަމަ ފަށާފައިވަނީ ހިތާމަވެރި، އެކަމަކުން އަރައިގަންނަން އުނދަގޫ ޖުމުލައަކުންނެވެ. އެއީ އައިންތުގެ ލޯބިވާ މަންމާ އާއި ލޯބިވާ ކޮއްކޮގެ މަރުން ފަށާފައިވާ ޕޯސްޓެކެވެ.

މީގެ އަހަރުތަކެއް ކުރިން އެންމެ ފުރަތަމަ ވަކިވެދިޔައީ އައިންތުގެ މަންމައެވެ. އެއަށްފަހު އައިންތުގެ އެއްބަނޑު އެއްބަފާ ހަމައެކަނި ކޮއްކޮ މުހައްމަދު އިސްމާއީލް (މޯޑު) ވަކިވެދިޔައީ ކެންސަރު ބަލީގައި ދުވަސްތަކެއް ވަންދެން ވޭނުގައި އުޅުމަށްފަހު 2019 ވަނަ އަހަރުއެވެ. މޯޑު މަރުވި އިރު، އޭނާގެ އަންބަކާއި ދަރިއަކު ހުއްޓެވެ. ކައިވެންޏަށް ނުވަ އަހަރު ފަހުން މޯޑަށް ލިބުނު އަލަތު ދަރިފުޅަށް އޭރު އެންމެ ދިހަ މަހެވެ.

"މަންމަގެ މަރު، ކޮއްކޮގެ މަރު، އައިންތުގެ ފުރާނަ ފަދަ ލޯބިވާ ފިރިމީހާ، ﷲ މި އަޅާގެ ފިރިމީހާ ހެޔޮ ހާލުގައި ސަލާމަތުން މި އަޅާއަށް ފެނުމުގެ ނަސީބު މިންވަރުކުރައްވާށި، ﷲ އަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ،" އައިންތު ބުންޏެވެ.

ސައީދުގެ ތިން ކުދިންގެ މަންމަ، އައިންތުގެ އުންމީދަކީ ފިރިމީހާ ސަލާމަތުން ފެނުމެވެ. އެ އާއިލާ ވެސް އިންތިޒާރު ކުރަނީ އެ ދުވަހަށެވެ. މުޅި ފުވައްމުލަކުގެ ރައްޔިތުންގެ އުންމީދަކީ ވެސް އެއީއެވެ.

ފުވައްމުލަކުގެ މަޝްހޫރު "ޓައިގާ ޝާކް ޕޮއިންޓް"އަށް ޑައިވިންއަށް ދިޔަ ސައީދު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ އިތުރުން ސައީދުގެ އެކުވެރިން ވެސް އަންނަނީ ކުރަމުންނެވެ. ވައިގެ މަގުން ވެސް އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެެފުން މިރޭ ވަނީ ސައީދު ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން ޑައިވިން ކުރަމުންދާ މަންޒަރު ފެންނަ ދެ ވީޑިއޯއެއް އާންމުކޮށްފައެވެ. ފުރަތަމަ ވީޑިއޯގައި ވަނީ ސައީދު މަސް ހިފަން ބޭނުންކުރި ކަމަށް ބެލެވޭ އެއްޗެއްގެ ވީޑިއޯއެކެވެ. އެއީ ކޮން އެއްޗެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައި ނުވި ނަމަވެސް، އެ ވައްތަރީ ދަނގަޑު ބުރިއަކާއެވެ. އެ އެތި ފެނިފައިވަނީ ސައީދު ޑައިވިންއަށް ފޭބި ސަރަހައްދުގެ 59 މީޓަރު އަޑިންނެވެ. އެ ސަރަހައްދުގައި 70 މީޓަރާއި 100 މީޓަރާ ދެމެދުގެ ފުންމިނެއް ހުންނާނެކަމަށް ލަފާކުރެވޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދެވަނަ ވީޑިއޯއިން ފެންނަނީ ސައީދު ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން މަސައްކަތްކުރާ މަންޒަރެވެ. ވީޑިއޯއިން ފެންނަނީ ސައީދު ޑައިވިންއަށް ދިޔަ 'ޓައިގާ ޝާކު ޕޮއިންޓް' އެވެ. އެއީ ކިހާ ފުންމިނެއްގެ ސަރަހައްދެއްކަން އެ ސަރަހައްދަށް ޑައިވިންއަށް ދިޔަ ފުވައްމުލަކު ޑައިވަރުންނަށްވެސް ނޭނގެއެވެ.

ސިފައިން އާންމުކުރި ވީޑިއޯގައި ވެސް ފެންނަނީ ޑައިވަރުން ބޮޑު ފަރެއް ކައިރީގައި ފީނާ މަންޒަރެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ފުން ހިސާބެކެވެ.

އެމްއެންޑީއެފުން އިއްޔެ ބުނެފައިވާ ގޮތުގައި ސައީދު ޑައިވިންއަށް ފޭބި އިރު، ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ. އޭނާގެ އަތުގައި ރީނދުލާއި އޮރެންޖް ކުލައިގެ ބެލޫނެއް އޮންނާނެއެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ސައީދާ ބެހޭ އެއްވެސް ހަބަރެއް ވެއްޖެނަމަ އެންގުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ސައީދާއެކު ޑައިވިންއަށް ފޭބި އެރަށު މަހުމޫދު ފާއިޒު ޑީކޯވުމުގެ ސަބަބުން އަންނަނީ ދ. ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ހުންނަ އޮކްސިޖަން ޗެމްބަރުގައި ފަރުވާދެމުންނެވެ. މިއަދުގެ ވަގުތެއްގައި މަހުމޫދު ވަނީ ހޭއަރައިފައެވެ.