ރ. މަޑުއްވަރީގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ، އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ މިއަހަރުގެ މުބާރާތް ރޭ ފަށައިފިއެވެ.
މަޑުއްވަރީ ފުޓްސަލް ދަނޑުގައި ރޭ މުބާރާތް ފެށީ ކުލަގަދަ ރަސްމިއްޔާތަކާ އެކުގައެވެ. ނެށުމުގެ ހަރަކާތްތައްވެސް ހުޅުވުމުގެ ރަސްމިއްޔާތުން ފެނިގެން ގޮސްފައިވާ އިރު، ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް ސޮބާހް މުހައްމަދު (ސޮބާ) އެވެ.
މިފަހަރުގެ މުބާރާތުގައި ޖުމުލަ ދިހަ ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މިއީ މުބާރާތް ދިހަ ޓީމާއެކު ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ. މުބާރާތް ފެށުމުގެ ގޮތުން ރޭ ވަނީ ދެ މެޗު ކުޅެފައެވެ. އެއީ ގްރޫޕް އޭގައި ނޮދާންސްއާއި ޕެންތާސް އެސްސީ ވާދަކުރި މެޗާއި ގްރޫޕް ބީގައި އެންމެފަހުގެ ޗެމްޕިއަން ޓީމް ވާލު އަދި ބީބީ ނިއު ޖެނެރޭޝަން ވާދަކުރި މެޗެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ނޮދާންސްގެ މައްޗަށް ޕެންތާސް ކުރި ހޯދީ 5-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނޮދާންސްގެ ހަތަރު ގޯލު ހަސަން ސާމިރާއި މާއިސް މުހައްމަދު އަދި މޫސާ ނާޖިހާއި އާދަމް މުޒްހިރު ޖަހައިދިން އިރު، ޕެންތާސްގެ ގޯލުތައް ޖަހައިދިނީ ހަސަން ތަސްލީމާއި އިބްރާހީމް ޒިހުނީ އަދި މުހައްމަދު ޖުމާން އަހުމަދެވެ. ތަސްލީމާއި ޒިހުނީ ވަނީ ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖަހައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕެންތާސްގެ ޖުމާނެވެ.
ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ޓީމް ވާލުން ބީބީ ނިއު ޖެނެރޭޝަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ވާލުގެ އަހުމަދު ނާހީ ދެ ގޯލު ޖަހައިފައިވާ އިރު، ތިންވަނަ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުހައްމަދު އިރުޝާމެވެ. ބީބީ ނިއު ޖެނެރޭޝަންގެ ހަމައެކަނި ގޯލު ޖެހީ ހަސަން ޖަވާދެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު ތިން މެޗު މިރޭ އޮންނާނެއެވެ. ފުރަތަމަ މިރޭ 8:30 ގައި އޮންނަ މެޗުގައި ބަދަވިއަންސް ނުކުންނާނީ އެފްސީ ވަން ރައުންޑާ ދެކޮޅަށެވެ. މިރޭ 9:30 ގެ މެޗުގައި ކާޅު އެސްސީ ސްޕާޓަންސް އެސްސީއާ ދެކޮޅަށް ނުކުންނަ އިރު، މިރޭގެ ފަހު މެޗުގައި ޕެންތާސް އެސްސީ ނުކުންނާނީ އެފްސީ ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިރޭ 10:30 ގައެވެ.
މިއަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ފޯރިގަދަވުމުގެ އިތުރުން އިންތިޒާމުތައްވެސް ފުރިހަމަވާނެ ކަމަށް ބްލޫޕްރިންޓް ހަބުން މައުލޫމާތު ދީފައިވެއެވެ. އެއާއެކު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމުވެސް މިފަހަރު ވަނީ 30،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ 2021ގެ ޗެމްޕިއަން ޓީމަކީ ޓީމް ވާލުއެވެ. މިއަހަރުގެ މެޗުތައްވެސް ބްލޫޕްރިންޓް ހަބް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މިފަހަރުގެ ފޯރިގަދަ މުބާރާތުގެ އެންމެފަހުގެ މައުލޫމާތުވެސް "ވަން" އިން ގެނެސްދެވޭނެއެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ