އއ. މަތިވެރި އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ)ގެ ފަރާތުން ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް، އަމްސާ ކަޕް މިއަހަރު މުބާރާތުގެ ކުޅުން އިއްޔެ ފަށައިފިއެވެ.

އަމްސާ ކަޕް 2022 ގައި ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ މަތިވެރިއަށް ނިސްބަތްވާ ހަ ޓީމަކާއި ރަށުން ބޭރުގެ ތިން ޓީމެވެ. ރަށުން ބޭރު ޓީމުތަކުގެ ތެރޭގައި އއ. ބޮޑުފޮޅުދޫގެ ދެޓީމާއި މާލޭ ލެގޫންސް ސްޕޯޓްސް ކްލަބު ހިމެނެއެވެ. މުބާރާތް ކުރިއަށް ދަނީ ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ގްރޫޕުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްބުރު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދާ ގޮތަށް މުބާރާތް ރޭވިފައިވާ އިރު، މި މުބާރާތުގައި ޖުމުލަ 19 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގެ ކުޅުން އިއްޔެ ހަވީރު މަތިވެރީ ފުޓްސަލް ދަނޑުގައި ފަށާފައިވާ އިރު، ރެއާއެކު މެޗުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އިއްޔެ ވަނީ ޖުމުލަ އަށް މެޗު ކުޅެފައެވެ. އެއީ ގްރޫޕް އޭގެ ހަތަރު މެޗާއި ގްރޫޕް ބީގެ ހަތަރު މެޗެވެ.

މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުގައި އާރްބީޖީ އެސްސީން 4-0 އިން ޔަންގް ޕްލޭޔާސް އެސްސީ ބަލިކުރި އިރު، އެ މެޗުގައި އާރްބީޖީގެ ގޯލުތައް ޖަހައިދިނީ ހުސައިން ނަވާޒް، އިބްރާހީމް ރަފްހާންގެ އިތުރުން މުހައްމަދު ސިރުހާން އަދި އަލީ ޝަނީޒެވެ. އެ ގްރޫޕުގައި ރޭ އާރްބީޖީން ވަނީ އެޓީމުގެ ދެވަނަ މެޗުވެސް ކުޅެފައެވެ. އާރްބީޖީގެ ދެވަނަ މެޗު ނިމުނީ ސިލްވާ ސްޕޮޓް ކައިރީ 1-1 އިން އެއްވަރުވެގެންނެވެ.

އެ މެޗުގައި އާރްބީޖީގެ ގޯލު ރުހުޝާން ޖަމީލް ޖެހި އިރު، ސިލްވާ ސްޕޮޓްގެ ގޯލު ޖެހީ ހުސައިން ނަޝީދެވެ. ފުރަތަމަ މެޗުގައި އާރްބީޖީއާ ދެކޮޅަށް ކުޅުނު ޔަންގް ޕްލޭޔާސްއިން މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި މާންސް އަތުން ބަލިވީ 4-1 އިންނެވެ. އެ މެޗުގައި މާންސްގެ ގޯލުތައް ޖަހައިދިނީ ކ. ގާފަރަށް ނިސްބަތްވާ ގައިސާން އަބޫބަކުރު މާހިރާއި އަހުނަފު ރަޝީދު (އަހުއްކޮ)ގެ އިތުރުން އިސްމާއީލް ނަސީމް (ބޯވަ) އެވެ. ގައިސާން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ޔަންގް ޕްލޭޔާސްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ ޖާދުﷲ އަހުމަދެވެ.

ގްރޫޕް އޭގައި ރޭ މާންސްއިން ކުޅުނު ދެވަނަ މެޗުންވެސް އެެޓީމު ވަނީ މޮޅުވެފައެވެ. އެ މެޗުގައި މާންސްއިން ސިލްވާ ސްޕޮޓް ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވި ގޯލު ޖެހީ އަހުއްކޮއެވެ. ގްރޫޕް އޭގެ ކޮންމެ ޓީމެއްވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާ އިރު، ކުޅުނު ދެ މެޗުން މޮޅުވެ އެއްވަނައިގައި އޮތީ މާންސްއެވެ. އާރްބީޖީ ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކުގައެވެ. ދެ މެޗުން ޕޮއިންޓެއް ހޯދައި ސިލްވާ ސްޕޮޓް ތިންވަނައިގައި އޮތް އިރު، ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ޔަންގް ޕްލޭޔާސް އެސްސީއެވެ.

މުބާރާތުގެ ގްރޫޕް ބީގައި ފަސް ޓީމުން ވާދަކުރާ އިރު، ފުރަތަމަ ދުވަހު ވަނީ އެ ގްރޫޕުގެ ހަތަރު މެޗު ފެނިގެން ގޮސްފައެވެ. އެ ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ޒެނިކް ސްޕޯޓްސް ކްލަބުން ހަސްލާސް އެފްޓީގެ މައްޗަށް 3-0 އިން ކުރި ހޯދި އިރު، އެ މެޗުގައި ޒެނިކްގެ ގޯލުތައް ޖަހައިދިނީ އަލީ ޝިމާހާއި މުހައްމަދު ޔަފާއު އަދި އިބްރާހީމް ސަނޫނެވެ.

ޒެނިކް ސްޕޯޓްސް ކްލަބުން ފުރަތަމަ މެޗުން މޮޅުވި ނަމަވެސް، އެ ގްރޫޕުގައި ދެން ކުޅުނު މެޗުން އެޓީމު ބަލިވީ ރޯޔަލް ނައިޓްސް އެސްސީ އަތުން 2-1 އިންނެވެ. މެޗުގައި ރޯޔަލް ނައިޓްސްގެ ހަމްދޫން ރަޝީދާއި އަހުމަދު އިޔާދު ގޯލުތައް ޖަހައިދިން އިރު، ޒެނިކް ސްޕޯޓްސްގެ ގޯލު ޖެހީ ސަނޫނެވެ.

ރޯޔަލް ނައިޓްސްއިން ވަނީ އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުންވެސް މޮޅުވެފައެވެ. އެ މެޗުގައި 3-2 އިން ސިސް ޓޫރިސްޓް ވިލާ ބަލިކުރި އިރު، ރޯޔަލް ނައިޓްސްގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އިޔާދު އަލީއާއި އަޒްޔާން އިބްރާހީމެވެ. އިޔާދު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މެޗުގައި ރޯޔަލް ނައިޓްސްގެ ރާއިފް އަބްދުﷲ އަތުން ބައިކޮޅަށް ވަން ގޯލެއްގެ އިތުރުން ދެން ސިސް އިން ޖެހި ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް އަސްރަފެވެ.

ގްރޫޕް ބީގައި ދެން ކުޅުނު މެޗަކީ ލެގޫންސް ސްޕޯޓްސް ކްލަބާއި ހަސްލާސް އެފްޓީ ވާދަކުރި މެޗެވެ. އެ މެޗު ލެގޫންސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ލެގޫންސްގެ ގޯލުތައް އަސްހަދު އަލީ (އަޑުބަރޭ) އާއި މުހައްމަދު ސާއިފް އަދި ހުސައިން ޝާވިން ޖެހި އިރު، ހަސްލާސްގެ ދެ ގޯލު ޖަހައިދިނީ އަލީ އަލްޝަންއާއި މުހައްމަދު މިދުހަތެވެ.

ގްރޫޕް ބީގެ އެއްވަނައިގައި ރޯޔަލް ނައިޓްސް އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޒެނިކް ސްޕޯޓްސް އޮތް އިރު، އެޓީމަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިންވަނައިގައި އެއް މެޗުން ތިން ޕޮއިންޓް ހޯދި ލެގޫންސް އޮތް އިރު، ސިސް ޓޫރިސްޓް ވިލާއާއި ހަސްލާސްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ހަސްލާސްއިން ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު އަށް މެޗު މިއަދާއި މިރޭ އޮންނާނެއެވެ.

އަމްސާ ކަޕް ފުޓްސަލް މުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. ވޭތުވެދިޔަ ދެއަހަރު ކޮވިޑު-19ގެ ސަބަބުން މުބާރާތް ބޭއްވިފައި ނުވި ނަމަވެސް، މިފަހަރު އަނެއްކާވެސް ފޯރިއާއެކު މުބާރާތް ކުރިއަށް ގެންދަން އަމްސާ އިން ވަނީ ތައްޔާރުވެފައެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ހާއްސަ ހޭލުންތެރިކަމުގެ ކެމްޕޭނަކާވެސް އެކުގައެވެ. އެއީ ސިންގަލް ޔޫސް ޕްލާސްޓިކަށް ނޫނެކޭ ބުނުމަށް ހިންގޭ ހާއްސަ ކެމްޕޭނެކެވެ. އެ ކެމްޕޭނާ ގުޅޭގޮތުން އަމްސާގެ ރައީސް އަލީ ރަމީޒު "ވަން"އަށް ވިދާޅުވީ ސިންގަލް ޔޫސްޑް ޕްލާސްޓިކާ ދެކޮޅަށް މުބާރާތުގައި ހާއްސަ ކެމްޕޭނެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށާއި، އަމްސާ ކަޕްގައި މިފަހަރު ސިންގަލް ޔޫސްޑް ޕްލާސްޓިކުގެ ބާވާތްތައް ދަނޑުގައި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ ބާވަތެއްގެ އެއްޗެއް ބޭނުންކޮށްފިނަމަ އެކަމަށް ޖޫރިމަނާ ވެސް ކުރެވޭނެ ކަމަށާއި، ކެމްޕޭނުގެ ބޭނުމަކީ ކުޅިވަރުގެ ތެރެއިން ތިމާވެއްޓަށް ގެއްލުން ލިބޭ ތަކެތި ބޭނުންކުރުން ހުއްޓުވުން ކަމަށްވެސް އަލީ ރަމީޒް ވިދާޅުވިއެވެ.

މިއަހަރުގެ އަމްސާ ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. އަދި މުބާރުގެ ޓްރެވެލިން ޕާޓްނަރަކީ ނެވި ސްޕީޑެވެ.